ވޮޝިންގޓަން : އުސާމާ ބިންލާދިންގެ ހަށިގަނޑުގެ ފޮޓޯތައް ޢާންމު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެވެ.

އޮބާމާ ވިދާޅުވީ އުސާމާގެ މަރުވެފައިވާ ހަށިގަނޑުގެ ފޮޓޯ ތަކަކީ ބަލަންއުނދަނގޫ ވާވަރުގެ ޒަޚަމްތައް އެހަށިގަނޑުގައި ހުރި ފޮޓޯތަކެއް ކަމަށާއި އެފޮޓޯތައް ޢާންމު ކޮށްފިނަމަ މުސްލިމުންގެ ޝޫޢޫރުތައް ކެކިގަންނާނެތީ އެއީ އެމެރިކާ ބޭނުންވާގޮތެއް ނޫންކަމުން އެފޮޓޯތައް ޢާންމުކުރުމުގެ ހުއްދަ ނުދެއްވާނެކަމުގައެވެ.

އުސާމާ ބިންލާދިން ގެ ހަށިގަނޑުގެ ފޮޓޯ ޢާންމުކޮށްފިނަމަ ބަޔަކު ޕްރޮޕަގެންގެންޑާގެ ގޮތުގައި އެފޮޓޯގެ ބޭނުންކޮށްފާނެ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.

ނަމަވެސް އުސާމާ އަވަހާރަ ކޮށްލެވިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ޢަރަބި ކަނޑަށް ފައްތާފައިވާކަމީ ޙަޤީޤަތެއްކަމަށް އޮބާމާ ވިދާޅުވިއެވެ. ޙަޤީޤަތެއް އިތުރަށް ހާމަކޮށްދޭން މަސައްކަތް ކުރުމުގެ ބޭނުމެއްނެތް ކަމަށްވެސް ސީ.ބީ.އެސް އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވިއެވެ.

އުސާމާ އަވަހާރަކޮށްލި ކަމަށް އެމެރިކާ ތަކުރާރުކޮށް ބުނިނަމަވެސް މިކަމާބެހޭ އެއްވެސް ހެއްކެތް އެމެރިކާއަކަށް ދެއްކިފައެއް ނުވެއެވެ. އަދި މުސްތަޤިއްލު ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއްވެސް ނުވެއެވެ.

އުސާމާ ބިންލާދިންގެ މަރުގެ މައްސަލައިގެ އިތުރުން ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކަކީވެސް އަލްޤާއިދާގެ ކަމެއް ކަމަށް އެމެރިކާ ބުނާވާހަކަ ދުނިޔޭގެ ގިނަބަޔަކު ޤަބޫލުނުކުރާ ކަމަށް ސަރވޭތަކުން ހާމަވެއެވެ.

ސަބަބަކީ މިފަދަ ބޮޑު އޮޕަރޭޝަނެއް އެމެރިކާ ފަދަ ޤައުމެއްގައި ހިންގުމުގެ ޤާބިލްކަން އެޖަމާޢަތަށް ނޫނީ އުސާމާއަށް ލިބިފައިވާނެކަން ހަމަބުއްދިއަށްޤަބޫލު ނުކުރެވޭތީއެވެ.

މީގެއިތުރުން އެޙާދިޘާގައި ޕެންޓަގަންގެ މައްޗަށް ވައްޓާލިކަމަށްބުނާ މަތިންދާބޯޓުގެ ބައިތައް އެމެރިކާ ދައްކާފައިނުވުމާއި އެތަނަށް މާބޮޑު ގެއްލުމެއް ލިބިފައިވާތަން ނުފެނުމަކީވެސް މިޙާދިޘާއާގުޅިގެން އެމެރިކާ ދައްކާ ހުއްޖަތްތައް ޤަބޫލުކުރަން ދަތި އެއްސަބަބު ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)