ސްޕެނިޝް ލަލީގާގައި ގެޓާފޭ އަތުން ފަސޭހަކަމާއެކު މޮޅުވެ، ރެއާލް މެޑްރިޑުން ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްލައިފި އެވެ.

ގެޓާފޭގެ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 5-1 ލަނޑުންނެވެ. އެ މޮޅާއެކު 33 މެޗުން ލިބުނު 75 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައި ރެއާލް އޮތްއިރު، އެއް ވަނައިގައި އޮތް ބާސާއަށް ކުޅުނު 32 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ކުޅުނު 32 މެޗުން ލިބުނު 73 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތީ ލީގުގެ ތިން ވަނައިގައެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 5-1 ލަނޑުން --- ފޮޓޯ: އޭޕީ

ރޭގެ މެޗުން ބަލިވި ގެޓާފޭ ރެލިގޭޝަނުގެ ބިރާ ކުރިމަތިލަމުންދާއިރު، އެ ޓީމަށް ކުޅުނު 33 މެޗުން ލިބުނު 28 ޕޮއިންޓާއެކު އޮތީ ލީގުގެ ފުލުގައެވެ. ލީގުގެ 19 ވަނައިގައި އޮތް ލެވަންޓޭ އަށް ވެސް ކުޅުނު 33 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، 18 ވަނައިގައި އޮތް ސްޕޯޓިން ގިޖޯން އަށް ކުޅުނު 33 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.

ގެޓާފޭއާ ދެކޮލަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހައި، ރެއާލްއިން ލީޑު ހޯދީ 29 ވަނަ މިނެޓުގައެވެ. ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭސް ނަގައިދިން ހުރަހަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް، ރެއާލްއިން ވަނީ އިތުރު ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 40 ވަނަ މިނެޓުގައި ބެންޒެމާ ދިން ބޯޅައަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު އިސްކޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

ސްޕެނިޝް ލަލީގާގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ގެރެތު ބޭލް، ރެއާލްއަށް ލަނޑެއް ކާމިޔާބުކޮށްދެނީ: އެ މެޗުން ރެއާލް މޮޅުވީ 5-1 ލަނޑުން --- ފޮޓޯ: އޭޕީ

ދެވަނަ ހާފު ފެށިތާ ފަސް މިނެޓްފަހުން ރެއާލްއިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ބެންޒެމާ ދިން ބޯޅައަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވޭލްސް ތަރި ގެރެތު ބޭލް އެވެ. މެޗުގެ 83 ވަނަ މިނެޓުގައި ގެޓާފޭ އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މޮއިސެސް ގޮމޭޒް ދިން ބޯޅައަކުން އެ ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރަބިއާ އެވެ.

މެޗު ނިމެން ދެ މިނެޓަށް ވަނިކޮށް، ރެއާލްއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ލޫކަސް ވަޒްކުއޭޒް ދިން ބޯޅައަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމޭސް ރޮޑްރިގޭސް އެވެ. ރެއާލްގެ ފަސް ވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ޖެސޭ ރޮޑްރިގޭސް ދިން ބޯޅައަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.