17 Apr 2016, 08:52
އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯގެ ހެޓްރިކުން ފަސޭހަކަމާއެކު ޗެލްސީ އަތުން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.
ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 3-0 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އަގުއެރޯގެ ހެޓްރިކުން ސިޓީ ވަނީ މޮޅުވެފައި --- ފޮޓޯ: އޭޕީ
އެ ނަތީޖާއާއެކު، ތިން ވަނައަށް ސިޓީ ޖެހިލީ ކުޅުނު 33 މެޗުން ލިބުނު 60 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލްއަށް ކުޅުނު 32 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ކުޅުނު 33 މެޗުން ލިބުނު 72 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި ލެސްޓާ ސިޓީ އޮތްއިރު، ދެ ވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ އޮތީ ކުޅުނު 33 މެޗުން ލިބުނު 65 ޕޮއިންޓާއެކު އެވެ. ސިޓީ އަތުން ބަލިވި ޗެލްސީ، ކުޅުނު 33 މެޗުން ލިބުނު 44 ޕޮއިންޓާއެކު އޮތީ ލީގުގެ ދިހަ ވަނައިގައެވެ.
ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު ރުބެން ލޮފްޓަސް ޗީކް އަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ، ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނެޓުފަހުން ސިޓީއަށް ލިބުނު ފުރުސަތެއްގައި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އުފެއްދި ހަމަލާ، ޗެލްސީގެ ކީޕަރު ތިބޯޓް ކޯޓުވާ ވަނީ މަތަކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އަގުއެރޯގެ ހެޓްރިކުން ސިޓީ ވަނީ މޮޅުވެފައި --- ފޮޓޯ: އޭޕީ
މެޗުގެ 27 ވަނަ މިނެޓުގައި ސިޓީއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސާޖިއޯ އަގުއެރޯ ދިން ބޯޅައަކުން ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ އުފެއްދި ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ގޯލްކީޕަރު ކޯޓުވާ އެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑުޖަހައި، ލީޑު ހޯދައިފަ އެވެ. ޑިބްރޭނާ ދިން ބޯޅައަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އަގުއެރޯ އެވެ. އޭނާއަށް ލިބުނު ބޯޅައިން ޗެލްސީގެ ޑިފެންޑަރު ގޭރީ ކޭހިލް ކައިރިން ކަޓުވާލުމަށްފަހު، އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓު ފަހުން ސިޓީއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އަގުއެރޯ އެ ލަނޑު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި ނަސްރީ ދިން ރީތި ބޯޅައަކުންނެވެ. އަގުއެރޯ އެ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ކޭހިލް އަދި ބްރަނިސްލާވް އިވަނޮވިޗް ކައިރިން ކަޓުވާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އަގުއެރޯގެ ހެޓްރިކުން ސިޓީ ވަނީ މޮޅުވެފައި --- ފޮޓޯ: އޭޕީ
މެޗުގެ 65 ވަނަ މިނެޓުގައި ސިޓީއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަސްރީ ދިން ރީތި ބޯޅައަކުން އަގުއެރޯ އުފެއްދި ހަމަލާ، ޗެލްސީގެ ގޯލްކީޕަރު ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ޗެލްސީގެ ގޯލްކީޕަރު ކޯޓުވާ އަށް ދެއްކި ރަތްކާޑާއެކު، އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ކޯޓުވާ އަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސިޓީގެ މިޑްފީލްޑަރު ފެނާންޑީނިއޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން ރެފްރީ ވަނީ ކޯޓުވާ އަށް ރަތްކާޑެއް ދައްކައި، ސިޓީއަށް ޕެނަލްޓީ އެއް ދީފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކުމުން މިޑްފީލްޑަރު ޖޯން އޮބީ މިކެލްގެ ބަދަލުގައި ގޯލްކީޕަރު އަސްމީރް ބެގޮވިޗް ވަނީ ޗެލްސީގެ ގޯލު ބެލެހެއްޓުމަށް އަރުވައިފަ އެވެ.
ސިޓީއަށް ލިބުނު ޕެނަލްޓީން އަގުއެރޯ، އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ޕެނަލްޓީއިން އަގުއެރޯ ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.