އިނގިރޭސި ޕްރިމިއާ ލީގުން 1987 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެސްޓަން ވިލާ، ރެލިގޭޓް ވެއްޖެ އެވެ.

އެސްޓަން ވިލާ ރެލިގޭޓްވީ، ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު އެވެ. ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުން ވިލާ ބަލިވީ، 1-0 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

އެސްޓަން ވިލާ ރެލިގޭޓް ވެފައިވާއިރު، ލީގުގައި އެ ޓީމަށް ބާކީ ހަތަރު މެޗު އެބައޮތެވެ. ލީގުގައި ކުޅުނު 34 މެޗުން ލިބުނު 16 ޕޮއިންޓާއެކު އެސްޓަން ވިލާ ތާވާލުގެ ފުލުގައި އޮތްއިރު، ލީގުގެ 19 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ރެލިގޭޝަންގެ ބިރާ ކުރިމަތިލަމުން އަންނަ ސަންޑަލޭންޑް ލީގުގެ 18 ވަނައިގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 30 ޕޮއިންޓާއެކު އެވެ. ޔުނައިޓެޑް ކުޅުނު 33 މެޗުން ލިބުނު 56 ޕޮއިންޓާއެކު އޮތީ ލީގުގެ ފަސް ވަނައިގައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އިނގިރޭސި ފޯވަޑް މާކަސް ރެޝްފޯޑް ދިން ބޯޅަ، ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާއަށް ރަނގަޅަށް ބޭނުން ކުރެވިފައެއް ނުވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގައި ޔުނައިޓެޑުން ޖެހި ލަނޑު ފެނިގެންދިޔައީ މެޗުގެ 38 ވަނަ މިނެޓުގައެވެ. އިކުއެޑޯ މިޑްފީލްޑަރު އެންޓޯނިއޯ ވެލެންސިއާ ނަގައިދިން ހުރަހަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރެޝްފޯޑް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ ދެ ފުރުސަތު ވެސް ލިބިފައިވަނީ ޔުނައިޓެޑުގެ ޒުވާން ފޯވަޑް ރެޝްފޯޑަށެވެ. ފުރަތަމަ ފުރުސަތުން ނުރައްކާތެރި ހަމަލާއެއް ރެޝްފޯޑްއަށް އުފެއްދިފައި ނުވާ އިރު، ދެވަނަ ފުރުސަތުގައި ރެޝްފޯޑް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، އެސްޓަން ވިލާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރުޑީ ގެސްޓޭޑޭ އުފެއްދި ހަމަލާ، ގޯލުގެ ހުރަސް ދަނޑީގައި ޖެހި ނުކުތުމާއެކު ޑިފެންޑަރު ކްލާކް އުފެއްދި ހަމަލާ، ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ރެލިގޭޝަންގެ ބިރާ ކުރިމަތިލަމުންދާ ނިއުކާސަލް ޔުނައިޓެޑާއި ސަންޑަލޭންޑް ވެސް ވަނީ އިއްޔެގެ މެޗުތަކުން މޮޅުވެފަ އެވެ. ނޯވިޗް ސިޓީ އަތުން ސަންޑަލޭންޑް މޮޅުވިއިރު، ސުވަންސީ ސިޓީ އަތުން ނިއުކާސަލް ވަނީ މޮޅުވެފަ އެވެ. އެ ދެ މެޗު ވެސް ނިމިގެންދިޔައީ 3-0 ލަނޑުންނެވެ.