މޯލްޑިވިއަން އައިޑޮލްގެ ޖަޖުންނަށް އެންމެ ފަހަރަކު ބޭނުން ކުރަން ލިބޭ "ނޯ އެލިމިނޭޝަން" ބާރު ބޭނުންކޮށް، މިރޭގެ އެލިމިނޭޝަން ބުރުން އެއްވެސް ބައިވެރިއަކު ކަޓުވާ ނުލައި ހިފަހައްޓައިފި އެވެ.

މިރޭ ބޭއްވި މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑް ނުވަ ވަނަ ޝޯގެ އެލިމިނޭޝަން ބުރުގައި ޖަޖުންނަށް ލިބިދޭ އެ ބާރު ބޭނުންކޮށްފައި ވަނީ، ދެ ބައިވެރިއަކު ގަދަ ހަތަރަކަށް ދަތުރުކުރުމަށް އިއުލާން ކުރި ފަހުންނެވެ.

ޖަޖުން އެ ގޮތަށް ނިންމީ ގާލާ ރައުންޑުގެ އަށް ވަނަ ބުރުގައި ބައިވެރިން ހުށަހަޅައިދިން ލަވަތައް ވަރަށް ހަމަހަމަވެފައި ވަކި ބައިވެރިޔަކު ކަޓުވާލުމަށް އުނދަގޫވުމުން ކަމަށް ޖަޖުން ބުންޏެވެ.

މިރޭގެ އެލިމިނޭޝަން ޝޯގެ ތެރެއިން --- ފޮޓޯ/ މޯލްޑިވިއަން އައިޑަލް ފޭސްބުކް ޕޭޖު

މިރޭގެ ޝޯއިން އެއްވެސް ބައިވެރިއަކު ކަޓުވާނުލި ނަމަވެސް، ކުރިއަށް ދެން އޮތް ޝޯގައި ދެ ބައިވެރިއަކު ޝޯ އިން ކަޓާނެ އެވެ.

މިރޭގެ ޝޯގައި ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ވަނީ ގެސްޓް ޖަޖެއްގެ ގޮތުގައި ޖަޖުންގެ ޕެނަލުގައި ބައިވެރިވެ، ބައިވެރިންގެ ލަވަތަކަށް ކޮމެންޓްކޮށްފަ އެވެ. އަދި މިރޭގެ ޝޯގެ ތީމަކީ ވެސް "ނަހުލާ ސްޕެޝަލް" އެވެ.

އެގޮތުން، ޝޯގައި ބައިވެރިން ހުށަހަޅައި ދިނީ ނަހުލާ ޑައިރެކްޓްކޮށްފައިވާ ނުވަތަ ޕްރޮޑިއުސްކޮށްފައިވާ ލަވަތަކެވެ.

މިރޭގެ އެލިމިނޭޝަން ޝޯގެ ތެރެއިން --- ފޮޓޯ/ މޯލްޑިވިއަން އައިޑަލް ފޭސްބުކް ޕޭޖު

މީގެ އިތުރުން، މިރޭގެ ޝޯގައި ރާއްޖެ ފަހުރުވެރިކޮށް، މިހާރު ވެސް އަގުހުރި ހިދުމަތެއް ދެމުން އަންނަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝަމްރާ ވަނީ ލަވަ ހުށަހަޅައިދީފަ އެވެ. އޭނާ ވަނީ ރަޝިއާގައި ކިޔަވަންހުރިއިރު ބޭއްވި "ދަ ވޮއިސް" މުބާރާތުގައި ލަވަ ހުށަހަޅައިދީފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ސްޕޮންސާ ކަމަށްވާ ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވަނީ މޯލްޑިވިއަން އައިޑަލްގެ ގަދަ ފަސް ކުދިންނަށް ހިތްވަރުދެއްވާ، ބައިވެރިންނަށް އެންމެ ފަހުގެ ސްމާޓްފޯނެއް ހަދިޔާކޮށްފަ އެވެ.

މިރޭގެ އެލިމިނޭޝަން ޝޯގެ ތެރެއިން --- ފޮޓޯ/ މޯލްޑިވިއަން އައިޑަލް ފޭސްބުކް ޕޭޖު

ރާއްޖޭގައި ފުރެންޗައިޒް އުސޫލުން މިހާނަތަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވް، މޯލްޑިވިއަން އައިޑަލްގެ ފައިނަލް ޝޯ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.