ފާއިތުވި އަހަރު އެމްޑަބްލިއުއެސްސީ އަށް ލިބުނު ފައިދާއާ ކުރިއެރުމުގައި އެ ކުންފުނީގެ މުވައްޒަފުންގެ ވަރަށް ބޮޑު ހިއްސާއެއް ވާކަން ފާހަގަކޮށް، މުވައްޒަފުން ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މުވައްޒަފުންގެ ވަޒީފާގެ ބޯނަސް އިތުރުކުރުމަށް އެކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 963 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 2014 ވަނަ އަހަރު ލިބުނު 711 މިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ ހުރި 35 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިދިޔަ އަހަރުވެސް ކުންފުނި ހިންގަމުން ގެންދިޔައީ ގޮންޖެހުންތަކަކާ އެކުގައި ކަމަށާއި، ނަމަވެސް މުވައްޒަފުންގެ ބުރަ މަސައްކަތުން ތާރީހުގައިވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަކަށް މިދިޔަ އަހަރު ވެގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މުވައްޒަފުންގެ އޮނިގަނޑަށް ހެޔޮ އިސްލާހުތަކެއް ގެނެސް، މުވައްޒަފުންގެ ބޯނަސް 91 ޕަސެންޓު އިތުރު ކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށް އެމްޑީ ވަނީ ހާމަކުރައްވާފަ އެވެ.

"މުވައްޒަފުންގެ އޮނިގަނޑަށް ވޭތުވެދިޔަ އަހަރު ވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފައި. އަދި މުވައްޒަފުން މިދިޔަ އަހަރު ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކުންފުނީގެ ބޯޑުން ވަނީ ތިޔަ މުވައްޒަފުންގެ ބޯނަހުގެ މިންވަރު 2014 ވަނަ އަހަރާ އަޅާބަލާއިރު 91 ޕަސެންޓު އިތުރުވުމާއެކު ކުންފުނީގެ ބޯޑުން ފާސްކޮށްދެއްވާފައިވާކަން ތިޔަ މުވައްޒަފުންގެ އުފަލަށްޓަކައި އަޅުގަނޑު މިއަދު އިއުލާން ކުރަން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މާދަމާ އިން ފެށިގެން ލިބޭ ބޯނަސް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެއީ ކުންފުނީގެ ގާބިލިއްޔަތުކަން ރަމްޒުކޮށްދޭ އިނާޔަތްތަކެއް ކަމަށާއި، މިދިޔަ އަހަރަށް ވުރެ ބާރު ސްޕީޑުގައި މަސައްކަތް ކޮށްދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އިލްތިމާސް ކުރައްވާ ކަމަށެވެ.

ހަމައެއާއެކު، އެ ކުންފުނިން މި އަހަރު އެ ކުންފުނިން 115 ވަޒީފާގެ ފުރުސަތު، ވަޒީފާގެ ބާޒާރަށް ހުޅުވާލެވިފައިވާކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ވަޒީފާގެ ފުރުސަތު ތަކެއްވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އެމްޑަބްލިއުއެސްސީ އަށް ސާފު ފައިދާގެ ގޮތުގައި 154 މިލިއަން ރުފިޔާ ލިބުނު އިރު، 139 ޕަސެންޓުގެ ކުރިއެރުމަކާ އެކު އެ އަދަދު މިދިޔަ އަހަރު ވަނީ 368.50 މިލިއަނަށް އަރާފަ އެވެ.