05 May 2011, 10:06
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޅ. މާފިލާފުށީގައި ޤާއިމުކުރި ކޯސްޓް ގާޑް ޓްރެއިނިންގ ސްކޫލާއި މެރީން ކޯ ޓްރެއިނިންގ ސްކޫލް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، މުޙަންމަދު ނަޝީދު އިއްޔެ އިފްތިތާޙްކޮށް ދެއްވައިފި އެވެ.
އެކަމަށްޓަކައި މާފިލާފުށީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ތަރައްޤީ ކުރުމަށާއި އަދި ރާއްޖޭގެ ދިފާޢީ އެންމެހާ ކަންކަން ހެޔޮމަގުގައި ކަށަވަރު ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަނޑުގެ ހުނަރުތަކާއި ކަނޑުގެ ތަޖުރިބާ، ދިވެހިންނަށް ލިބެން ޖެހޭ ކަމީ އެނގެން އޮތް ޙަޤީޤަތެއް ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މިރާއްޖޭގެ ސިފައަކީ، މިރާއްޖޭގެ ސަރަޙައްދުގެ އެންމެ ޕަސެންޓަކީ ބިމަށްވެފައި، ފަހަށްވެފައި އޮންނަ އޮތުމެއްނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ މުއްސަނދިކަން، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު، މިއަދާ ހަމައަށް ވެސް ތަނަވަސްކަމާއެކީގައި ގެނެސްދިނުމުގައި އެންމެ ބޮޑު އެއް ޙިއްސާއެއް ކުރާތަނަކީ ކަނޑުގެ ރޯދި. އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު، ޓުއަރިޒަމާއި، އަދި މަސްވެރިކަން އެއީ، ކަނޑުގެ ރޯދީގެ މައްޗަށް ބިނާވެފައިވާ ދެ ޞިނާޢަތް" ރައީސްއާ ހަވާލާ ދެއްވައި ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ވާހަކަފުޅުގައި ސިފައިންނަށް އެކަމާ ގުޅޭ ހުރިހާ ހުނަރެއް އެންމެ ފުރިހަމައަށް ދިނުމަކީ، އަބަދުވެސް މި ރާއްޖޭގެ ވެރިންގެ ވާޖިބަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ކޯސްޓް ގާރޑުގެ އެންމެހާ މަސައްކަތްތައް ފުރިހަމައަށް ހިންގިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ އެންމެހާ ޞިނާޢަތްތައް ދަމަހައްޓައި، ލަހައްޓައި، ނެގެހެއްޓޭކަށެއް ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ބައިނަލްއަޤްވާމީ ލަޝްކަރުތަކުގައި އެމްއެންޑީއެފް އަށް ބައިވެރިވެވޭނެ ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވުމާ އެކު، އެކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެ ސަބަބަށް ޓަކައި ވެސް އެ ސެންޓަރުގެ ބޭނުންތެރިކަން މާބޮޑަށް އިތުރުވެގެންދާ ކަމުގައި ވިދާޅުވި އެވެ. އަދި މިއަދު މި ޤާއިމު ކުރެއްވުނު ސެންޓަރަކީ، އެމްއެންޑީއެފްގެ ތަރައްޤީގެ ޗޭނަށް އިތުރުކުރެވުނު ބޮޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ދިވެހި ސިފައިންނާ މުޚާޠަބުކުރައްވައި، ރައީސް އަދި ސިފައިންގެ ވެރިޔާ ދެއްކެވި ވާހަކަފުޅުގައި އެމްއެންޑީއެފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމުކަމަކީ، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އޮޅިވަޑައިގެންފައި އޮންނާނެ ކަމެއްނޫންކަން ވެސް ފާހަގަކުރެއްވި އެވެ.