14:30


ސާކް ގައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ 16 ވަނަ ސާކް ސަމިޓް، ބޫޓާންގެ ވެރިރަށް ތިމްޕޫގައި ފެށިގެން ކުރިއަށް އެބަދެ އެވެ.


16 ވަނަ ސާކް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޫޓާންގެ ބޮޑުވަޒީރު ލޮންޗެން ޖިގްމޭ ތިންލޭ ވިދާޅުވީ މިސަމިޓަކީ ބޫޓާނަށް ވަރަށް ތާރީޚީ ސަމިޓެއް ކަމަށާއި މިސަމިޓްގެ ސަބަބުން އެގައުމު ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އަލިއަޅުވާލައްވަމުން އެއީ މިވަގުތު ސާކްގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށާއި ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނެ އެއް މައުޟޫއަކީ އެއީ ކަމަށް ވެސް ބޫޓާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.


ޖިގްމޭ ތިންލޭ އިތުރަށް ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ މެދު ސާކްގެ ގައުމުތަކުން ސަމާލު ނުވެއްޖެނަމަ އޭގެ ގެއްލުން ފޯރާނެ ކަމަށާއި އެކަމާ މެދު ފިޔަވަޅު އެޅުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި މިކަމާ މެދު ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ރަގަޅު ވިސްނުމެއް ދަމަހައްޓައި މިކަމުގެ ނުރައްކާތެރިކަން އެރައްޔިތުންނަށް އަންގައިދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.


މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ ދެކުނު އޭޝިއާ އަކީ ތަފާތު ގޮތްގޮތުން ދުނިޔޭގައި އެންމެ ބޮޑު މުހިންމުކަމެއް ލިބިފައިވާ އެއް ސަރަހައްދު ކަމަށާއި ސާކް ފަދަ އޯގަނައިޒޭޝަނެއް އޮވެގެން ދެކުނު އޭޝިއާގެ ގައުމުތަކުން އެއް މިސްރާބަކަށް ދަތުރުކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ސާކްގެ ގައުމުތަކުގެ މެދުގައި ސުލްހަވެރިކަމާއި ޑިމޮކްރެސީ ގާއިމުކުރުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.


ސާކްގެ 8 ގައުމުގެ ލީޑަރުން ބައިވެރިވެވަޑައިގެންނަވާ މިބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ސާކް ގައުމުތަކުގެ މެދުގައި އޮންނަ ސަރަހައްދީ ގުޅުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިސަމިޓްގައި އޮބްޒާވަރުންގެ ގޮތުގައި އޮސްޓްރޭލިއާ އަދި މިޔަންމާގެ ޑެލިގޭޓުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.