މި އަހަރުގެ ތެރޭގައި މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް ފެން އުފައްދާ މިންވަރު 25000 ކިއުބިކް މީޓަރަށް އިތުރުވެގެންދާނެ ކަމަށް ރާއްޖޭގައި ފެނާ ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު އެކަން ހާމަކުރައްވާފައި ވަނީ އެކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީ ފަޒުލް ވިދާޅުވީ، އެމްޑަބްލިއުއެސްސީ އުފެދިގެން އައީ މާލޭގެ އިތުރުވަމުން އައި އާބާދީއަށް ފެން ލިބޭނެ ފުރިހަމަ މަގެއް ފަހިކޮށްދިނުމަށް ކަމަށާއި މާލެ ސަރަހައްދާ އަތޮޅު ތެރޭގައި ދުވާލެއްގެ މައްޗަށް 23000 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން މިހާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

"ކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނަ އިރު މާލެ ސަރަހައްދާ އަތޮޅު ތެރޭގައި ދުވާލެއްގެ މައްޗަށް 23000 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން މި ކުންފުންޏަށް ލިބިގެންވޭ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުންފުނިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު އިތުރުކޮށް، ހިދުމަތުގެ ކޮލިޓީ ޔަގީންކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށާއި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބޭނުން ކުރުމަށް ދޫކޮށްފައިވާ ހަލާލް ސެޓްފިކެޓް ނެގުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ކުންފުނީގެ އޮޕަރޭޝަން ޑީސެންޓްރަލައިޒް ކުރުމަށް ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ޔަގީން ކުރުމަށް މާލޭގެ އޮފީސް ޑީސެންޓްރަލައިޒްކޮށް އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާމްޓް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާކަންވެސް ފަޒުލް ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކުންފުނީގެ ވެއާހައުސް ހުރި ތަނުގައި 5000 ކިއުބިކް މީޓަރުގެ އާރްއޯ ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

"މި މަސައްކަތް މި އަހަރުގެ ތެރޭގައި މުޅިން ނިންމާލެވި މާލޭގެ ފެން އުފައްދާ ކެޕޭސިޓީ ދުވާލަކު 25000 ކިއުބިކް މީޓަރަށް އިތުރު ކުރެވޭނެ،" ފަޒުލް ވިދާޅުވި އެވެ.

ހަމައެއާއެކު މި އަހަރުގެ ތެރޭގައި ހަވީރީ ހިނގުމުގައި ހުންނަ އެ ކުންފުނީގެ ބިމުގައި 2000 ކިއުބިކް މީޓަރުގެ އާރްއޯ ޕްލާންޓެއް ބެހެއްޓި މާލޭގެ ތިން ސަރަހައްދަކުން ފެން އުފެއްދޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ވެސް ފަޒުލް ވަނީ ހާމަކުރައްވާފަ އެވެ.

"އެ ޕްލާންޓުތަކުން ފެން ނެގުމަށް ބޭނުންވާ 8 ބޯހޯލް ގެ ތެރެއިން ދެ ބޯހޯލް ގެ މަސައްކަތް ވަނީ ނިމިފައި. ވަރަށް އަވަހަށް އިތުރު ބޯހޯލްތަކުގެ މަސައްކަތްވެސް ފެށިގެން ދާނެ" އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެ މަސައްކަތްތަކަކީ ފެން ފަންޑުން ލިބުނު ފައިސާއާ ކުންފުނީގެ ކޭޝް ފްލޯ އަދި ސަޕްލަޔަރ ކްރެޑިޓް ފެސިލިޓީ ބޭނުންކޮށްގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ.

އޭގެ އިތުރުން އެކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރު ހިންގާ އިމާރާތް މި އަހަރު ތެރޭގައި ތަޅާލައި އެ ބިމުގައި ޒަމާނީ ޕެނަލް ރޫމެއް ފުރިހަމަ ސެކިއުރިޓީ އާއެކު ގާއިމު ކުރެވިގެންދާނެ ކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފަ އެވެ.

އަދި އެކުންފުނީގެ ޕަވަރ ހައުސްވެސް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު ކުރެވެމުން ދަނީ ޑިޒައިންގެ މަސައްކަތް ކަމަށާއި 2018 ގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.