17 Apr 2016, 09:21
ސައިފް އަލީ ޚާންއާ ކަރީނާ ކަޕޫރުގެ ކުއްޖެއްގެ ކާފައަށް ވުމުގެ އުއްމީދުގައި އަދިވެސް ހުރި ކަމަށް ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ބުނެފި އެވެ.
ކާފަ އަކަށްވާން ބޭނުންވޭތޯ މީޑިއާ އިން އެހި ސުވާލަކަށް ޖަވާބުދެމުން އެކްޓަރު ރަންދީރު ބުނީ، އެ ސުވާލު އަހަންޖެހޭނީ ސައިފާއި ކަރީނާ ގާތުގައި ކަމަށެވެ. އަދި އެއީ އެމީހުން ނިންމާނެ ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، އިތުރަށް ކާފައަކަށް ވުމަށް އެދޭކަމަށް އެހުމުން އޭނާ ބުނީ، ކާފަ ދަރިން ތިބި ވަރަކަށް އެއީ ލިބޭ އުފަލެއް ކަމަށެވެ.
"ޔަގީނެއްނު! ގިނައިން ތިބި ވަރަކަށް އުފަލަކީ. ގިނައިން ކުދިން ލިބުނު ވަރަކަށް ތިޔަ ބޭފުޅުން ޝައުގުވެރިކުރެވޭނީ. ތިބޭފުޅުން އެކަމަށް ދުއާ ކޮށްދެއްވާ،" ރަންދީރު ބުނެފައިވެ އެވެ.
ކަރިޝްމާ އާއި ކަރީނާ ކަޕޫރަކީ ރަންދީރުގެ ދެ ދަރިންނެވެ. ކަރިޝްމާ އާއި އޭނާގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރުގެ 11 އަހަރުވީ ކައިވެނި ރޫޅިފައިވާއިރު ދެ މީހުންނަށް ދެ ކުދިން ވަނީ ލިބިފައެވެ.
ނަމަވެސް، 2013 ވަނަ އަހަރު ކައިވެނިކުރި ސައިފާއި ކަރީނާ އަކަށް އަދި ކުއްޖަކު ލިބިފައެއްނުވެއެވެ.
މީޑިއާތަކުގައި މީގެ ކުރިން ވަނީ ކަރީނާ ކުއްޖަކަށް ބަލިވެ އިންކަމަށާއި އާއިލާއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގެ ހަބަރުތަކެއް ފެންމަތިކޮށްފައެވެ. ނަމަވެސް، ފިލްމު، "ކީ އެންޑް ކާ" އެކްޓްރެސް ވަނީ އެކަން ދޮގުކޮށްފައެވެ.