ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ހޮޅިދަނޑިއަކަށް އަރައިފި އެވެ.

އެ އެކްސިޑެންޓު ހިނގީ މިރޭ 8:40 އެހާކަންހާއިރު ހުޅުމާލެ ބާބަކިއު ސަރަހައްދާ ދިމާލު، ކުރެދިމާ ހިނގުމުގަ އެވެ. އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މަގުމަތި އަލިކުރުމަށް ޖަހާފައިވާ ހޮޅިދަނޑީގައި ކާރު ޖެހުމުން، ހޮޅިދަނޑި ވަނީ އަރިއަޅާލާފަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށާއި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރުގެ ބޮނެޓާއި އިންޖީނަށް ގެއްލުންތަކެއް ލިބިފައިވާތަން ފެނެ އެވެ. އަދި ކާރުގެ ކަނައަތްފަރާތު ކުރީކޮޅު ފުރޮޅަށް ވެސް ގެއްލުންތަކެއްވެފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެ އެވެ.