މީގެ އެތައް އަހަރެއް ކުރިން ޕްރިންސަސް ޑަޔާނާ ތާޖްމަހަލްގައި އެކަނި ނަގާފައި އިން ފޮޓޯއެއްގެ ހަނދާން އެބަހުރި ހެއްޔެވެ؟ އެފޮޓޯއަކީ އޭގެ ސަބަބުން ޑަޔާނާގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފެއްދި ފޮޓޯ އެކެވެ. އަދި އެއީ ޑަޔާނާގެ ދިރިއުޅުމާ ބެހޭ ގިނަ ވާހަކަތަކެއް ގިނަ ބަޔަކަށް އެނގިގެން ދިޔަ ފޮޓޯއަކަށް އެ ފޮޓޯ ވެގެންދިޔަ އެވެ.

އެއީ މީގެ 24 އަހަރު ކުރިއެވެ. ނަވާސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު ޑަޔާނާ ތާޖް މަހަލަށް ކުރި ޒިޔާރަތުގައި އޭނާ ބުނެފައި ވަނީ އެކަހަލަ ތަނަކަށް ދިޔުން އެންމެ އެކަށީގެން ވަނީ ފިރިމީހާ ނުވަތަ ލޯބިވެރިޔާއާއެކު ކަމަށެވެ. ޑަޔާނާއެކު ތާޖް މަހަލަށް ދިއުމަށް ޕްރިންސް ޗާލްސް ނިންމާފައިވީ ނަމަވެސް އެދަތުރުގައި ޑަޔާނާއާ ބައިވެރިވުމުގެ ބަދަލުގައި ޕްރިންސް ޗާލްސް ގޮސްފައި ވަނީ އާކިޓެކްޗާ ސުކޫލަކަށެވެ.

ޑަޔާނާ އެކަނި އިނދެ ނަގާފައިވާ އެހިތްދަތި ފޮޓޯއަށް އުފާވެރިކަމެއް ގެނެސްދީ މަންމަ ހަނދާންތައް އާ ކުރުމުގެ ގޮތުން ދަރިފުޅު ޕްރިންސް ވިލިއަމް ވަނީ އޭނާގެ އަންހެނުން ކޭޓާއެކު ތާޖްމަހަލްގައި ފޮޓޯ ނަގާފަ އެވެ. ދެމަފިރިން އެކުގައި އެކަހަލަތަނެއްގައި ފޮޓޯ ނެގުމުން ގިނަ ބައެއްގެ ޝައުގުވެރިކަން އެ ފޮޓޯއަށް ވަނީ ހުއްޓިފަ އެވެ. އަދި ޑަޔާނާ އެކަނި އިނދެ ނެގި ފޮޓޯއާ ވިލިއަމްގެ ފޮޓޯއާ ބަލައި މީޑިއާތަކުން ދަނީ ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވިލިއަމް ތާޖް މަހަލަށް ކުރި ޒިޔާރަތަކީ އޭނާގެ މަންމަގެ ހުވަފެން ހަގީގަތަށް ހަދައި ދިނުމަށް ކުރި ޒިޔާރަތެކެވެ. ސަބަބަކީ ޑަޔާނާ ދަންނަ އެންމެން ވެސް ބުނާ ގޮތުން އޭނާ ބޭނުންވީ ދަރިފުޅު ވިލިއަމާއި ހެރީ ލޯބިން ޖަވާޒީ ހަޔާތެއް ދިރިއުޅުމެވެ. އަދި ޗާލްސްއާ އެކު ޑާޔާނާއަށް ނުލިބުނު އުފާވެރި ނިމުން ދަރިންނަށް ލިބުމަށް އޭނާ އެދޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މިއަދު ފެނިގެން މިދިއައީ ދަރިފުޅު ވިލިއަމް ޑަޔާނާއަށްޓަަކައި ޓްރިބިއުޓެއް ދިންތަނެވެ. ޔަގީންވާ ކަމަކީ ވިލިއަމް އަދި ހެރީ މަންމަގެ ހަނދާންތައް އާކުރާއިރު ދެރަވި ނަމަވެސް ވިލިއަމްގެ ދެ ކުދިން އޭނާގެ މައިންބައިންނާ މެދު އުފާކުރާނެ ކަމެވެ. އެއީ މަންމައާއި ބައްޕަގެ ލޯބި ފެނުމުންނެވެ.