16 Apr 2016, 19:48
ރާއްޖޭގެ ބައެއް ހިސާބުތަކަށް މިރޭ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ ދ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ގދ. އަތޮޅާއި ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 7:10 އިން ފެށިގެން 10:00 އަށެވެ. އެއީ އެ އަތޮޅުތަކަށް އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ވަގުތުތަކެވެ.
ALERT YELLOW ADVISORY: Torrential rain and heavy thunderstorms expected between Dhaalu & Gaafu Dhaalu atoll, from 16/1710 - 16/2200 hrs.
— Maldives Meteorology (@MetMaldives)April 16, 2016
އޭގެ އިތުރުން މާލެ އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު އިރުއޮއްސި 6:30 އިން ފެށިގެން މިރޭ 23:30 އަ ށް ވަނީ ވައިޓް އެލާޓްވެސް ނެރެފަ އެވެ.
ލަފާކުރެވިފައިވާ މިންވަރަށް ވުރެ އިތުރަށް މޫސުން ގޯސްވާނަމަ ނުވަތަ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވާ ގަޑީގެ ފަހުން ވެސް މޫސުން ރަނގަޅު ނުވާނަމަ، ކަމާ ބެހޭ އިދާރާއަކުން އިތުރު މައުލޫމާތު ދޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ނޭޝަނަލް މީޓިއޮރޮލިޖަލް ސެންޓަރުން ބުނީ ރާއްޖޭގެ މެދުތެރެ އާއި ދެކުނުގެ އެހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ އެވެ.
އުތުރު އަތޮޅުތަކަށް ހުޅަގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، މެދުތެރެ އާއި ދެކުނު އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށާއި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.
އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބެލެވުނު ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ.