17 Apr 2016, 09:08
ދުނިޔެ ބަލާލަން އަބަދުވެސް ބޭނުންވާ، ރުމޭނިއާއަށް އުފަން، ޓިމޯޓީ ރާޑް ގެއިން ނުކުތީ ހެދުން އަޅާފައި ހުރި ބޮޑު ދަބަހަކާއި ސްލީޕިން ބޭގަކާއި 80 އެމެރިކާ ޑޮލަރު ހިފައިގެންނެވެ. އެއީ މީގެ ތިން އަހަރު ކުރިންނެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ ޔޫރަޕާއި ދެކުނު އެމެރިކާގެ އިތުރުން އޭޝިއާ އާއި އެމެރިކާއާއެކު ދުނިޔޭގެ 80 ގައުމަށް ދަތުރުކޮށްފަ އެވެ. އެ ގައުމުތަކަށް އޭނާ ދަތުރުކުރީ ނުދަންނަ މީހުންގެ އަތުން ހިލޭ ދަތުރު ހޯދައިގެންނެވެ.
އުމުރުން 30 އަހަރުގެ ރާޑް ދިޔައީ، އޭނާ ކުރަމުންދިޔަ އާދަޔާހިލާފު ދަތުރާ ގުޅޭ ގޮތުން އަމިއްލަ ބުލޮގުގައި ލިޔަމުންނެވެ. ދުނިޔެ ބަލައިލަން އޭނާ 3،000 އަށްވުރެ ގިނަ ކާރާއި ޕިކަޕުގައި ހިލޭ ދަތުރުކޮށް، 200،000 ކިލޯ މީޓަރު ކަޑައްތުކޮށްފައިވެ އެވެ. ތިން އަހަރުގެ ތެރޭގައި އޭނާ ދަތުރުކޮށްފައި ވަނީ އެންމެ ދެ ފްލައިޓުގަ އެވެ. އެއީވެސް ލިބުނު ޑޮނޭޝަންތަކުން ރައްކާކުރެވުނު ފައިސާ ކޮޅުންނެވެ.

މޮންގޯލިއާއަށް ކުރި ދަތުރުގައި ރާޑް ޖަމަލެއްގެ މަތީގައި: އޭނާ ވަނީ ދުނިޔޭގެ ގައުމުތަކަށް ކުރި ދަތުރުގައި 200،000 ކިލޯ މީޓަރު ކަޑައްތުކޮށްފައި ---
ކެއުމަށާއި ފެން ގަތުމަށް އޭނާގެ ޖީބުން ބައެއް ފަހަރު ހަރަދު ކުރި ނަމަވެސް، ކުރި ގިނަ ދަތުރަކާއި ދަތުރުގައި ހުންނާނެ ތަންތަން ދީފައި ވަނީ ހެޔޮ އެދޭ ފަރާތްތަކުންނެވެ.
އޭނާ ކުރި ދަތުރުގައި، ދުނިޔޭގެ ފާހަގަކޮށްލެވޭ ތަންތަންތަނާއި ބައްދަލުވި މީހުންނާއެކު ރާޑް ދިޔައީ ފޮޓޯ ނަގަމުންނެވެ. ދަތުރުގައި ދެވުނު އެންމެ ހިތްހަމަ ޖެހުނު ގައުމުތަކަކަށްވީ އަފްޣާނިސްތާނާއި ރަޝިއާއެވެ.
ނަމަވެސް، ފޮޓޯ ނަގާނެ ކެމެރާއެއް ނެތުމުން އޭނާއަށް ފޮޓޯތައް ލިބެމުން ދިޔައީ، ފޮޓޯ ނަގައިދޭ މީހުން މެއިލްކުރުމުންނެވެ.
ރާޑުގެ ދަތުރާ ގުޅޭ ގޮތުން ލިޔަމުންދިޔަ ބުލޮގުގައި އޭނާ ވަނީ އާޖެންޓީނާއަށް ކުރި ދަތުރުގައި ހެލިކޮޕްޓަރުގައި ދަތުރުކުރުމަށް ލިބުނު ފުރުސަތެއްގައި ހެލިކޮޕްޓަރުގެ ޕައިލެޓަކާ އެކު ވެސް ފޮޓޯއެއް ނަގާފަ އެވެ.

އާޖެންޓީނާއަށް ކުރި ދަތުރުގައި ހިލޭ ލިބުނު ހެލިކޮޕްޓަރު ދަތުރެއްގައި ހެލިކޮޕްޓަރުގެ ޕައިލެޓާއެކު ރާޑް ސެލްފީއެއް ނަގަނީ ---
ދަތުރުގައި އޭނާއަށް ދިމާވީ ހުސް އުފާވެރި އަދި ހައިރާން ކުރުވަނިވި ކަންތައްތަކެއް ވެސް ނޫނެވެ. ދަތުރުގައި ދިމާވި ބައެއް ހާދިސާތައް ޑެއިލީމެއިލް ޓްރެވަލްއާ ހިއްސާކުރަމުން ރާޑް ބުނީ، ވެނަޒުއޭލާގައި އޭނާ ދަންވަރު ދަތުރުކުރަމުންދިޔަ އިރު، ބަޔަކު މީހުން މަގު ފޭރެން މަސައްކަތްކުރި ކަމަށެވެ. އަދި އިރާނުގައި ޓެންޓުގައި ނިދާފައި އޮއްވާ ބަޔަކު ވަދެ އޭނާގެ މޫނަށް ޕެޕާ ސްޕުރޭ ޖަހާފައިވާ ކަމަށް އޭނާ ބުންޏެވެ.
ރާޑްގެ ތިން އަހަރުގެ ދަތުރު އަދި ނިމުނީކީ ނޫނެވެ. ކުރިއަށް އޭނާ ދަތުރު ކުރަން ހުރި، މަންޒިލްތަކުގެ ތެރޭގައި ތަޖިކިސްތާނާއި ޕާކިސްތާން ހިމެނެ އެވެ. އޭނާގެ އެ ދަތުރު ފެށުމަށް ތައްޔާރުވަމުން ދަނީ، ބުދަޕެސްޓުންނެވެ.
ދަބަހަކަށް އެތިކޮޅު އަޅައިގެން 80 ޑޮލަރާއެކު މީގެ ތިން އަހަރު ކުރިން ދަތުރުފެށި ނަމަވެސް، އޮންލައިންގައި ޝާއިރު ކުރި ޕޯސްޓުތަކުންނާއި ނަސޭހަތްތަކުގެ ސަބަބުން މިހާރު ރާޑަށް މަހަކު 220 ޔޫރޯ ލިބެއެވެ.