"އާލީ ޓަޗް ފުޓުބޯޅަ އެކަޑަމީ"ގެ ނަމުގައި ޏ. ފުވައްމުލަކުގައި އަމިއްލަ ފަރާތަކުން ފުޓުބޯޅަ އެކަޑަމީއެއް މިއަދު ހުޅުވައިފި އެވެ.

ފުވައްމުލަކުގައި މިއަދު ހުޅުވި އެކަޑަމީއަކީ އެ ރަށުގައި ހުޅުވި ފުރަތަމަ ފުޓުބޯޅަ އެކަޑަމީ އެވެ.

ފުވައްމުލަކު ފުޓުބޯޅަ އެކަޑަމީ ހިންގުމާ ހަވާލުވެ ހުންނެވި އާމިނަތު ޒުހުދާ "ސަން"އަށް ވިދާޅުވީ އެކަޑަމީ ހުޅުވީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމުގެ ފުޓުބޯޅަ އެކެޑަމީ އާއި ފުވައްމުލަކު ނިރިވަން ގްރޫޕު ގުޅިގެން ކަމަށެވެ.

ޒުހުދާ ވިދާޅުވީ ފުވައްމުލަކުގައި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން ތިބި ނަމަވެސް، އެ ކުދިންގެ ހުނަރު ކުރި އަރުވައި، ހުނަރު ދައްކާލުމަށް ހުރަސްތަކެއް ހުރި ކަމަށެވެ.

"ފުވައްމުލަކުން އާލީ ސްޓޭޖުގައި އަޅުގަނޑުމެންނަށް ފެނޭ ވަރަށް މޮޅު ކުދިން. އެކަމަކު ގައުމީ ފެންވަރުގައި ނުފެނެ. ވަރަށް މަދުން ފެންނަނީ. އެހެންވީމަ އެކުދިންގެ ހުނަރު ކުރި އަރުވަން ފުރުސަތު ހުޅުވައިދިނުން މަގުސަދަކީ އެކަޑަމީގެ،" ޒުހުދާ ވިދާޅުވި އެވެ.

އާލީ ޓަޗް ފުޓުބޯޅަ އެކަޑަމީ ހުޅުވުމަށްފަހު އެކަޑަމީގެ ދަރިވަރުން ފަރިތަކުރުންތަކުގައި -- ފޮޓޯ: އާމިނަތު ޒުހުދާ

އޭނާ ވިދާޅުވީ، އެކަޑަމީގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ޔޫކޭޖީން ފެށިން ގްރޭޑް ތިނަކާ ދެމެދުގެ 50 ކުއްޖަކު މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، ކޯޗުންގެ ދަތިކަން ހައްލުވުމުން އިތުރު ޖާގަ ހުޅުވާލާނެ ކަމަށެވެ.

މިވަގުތު އެކަޑަމީގައި ތިބީ ފުވައްމުލަކުގެ ފަސް ކޯޗުންނެވެ. އެއީ ތިން ފިރިހެން ކޯޗުންނާ ދެ އަންހެން ކޯޗުންނެވެ.

މިހާރު ތިބި ކުދިން ދެ ގްރޫޕަކަށް ބަހާލައިގެން އެކަޑަމީގެ ތަމްރީނުތައް ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާއިރު، އަންހެނުންގެ ފުޓްސަލް ކުރިއެރުވުމަށް، މިރެއިން ފެށިގެން އެ އެކަޑަމީގައި ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ޒުހުދާ ވަނީ ވިދާޅުވެފަ އެވެ.