16 Apr 2016, 16:33
ރާއްޖޭގައި ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހަށް "ފިނިކަމެއް" ގެނެސްދިނުމަށް މަސައްކަތް ކުރެއްވުމަށް، އދ.ގެ އިސް އޮފިޝަލެއް ރާއްޖެވަޑައިގެންފި އެވެ.
ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން މިއަދު ބުނި ގޮތުގައި، އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލް މިއަދު ރާއްޖެ ވަޑައިގެންފައިވާ އިރު، ގިނަ ފަރާތްތަކަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޓަމްރަޓް ސެމިއުލްގެ ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމުކޮށް، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް އެކަށޭނަ މަސްރަހެއް ގާއިމުކުރުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ.
"މިޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމުކޮށް ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަގުފަހިކުރުމަށް ޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް އެކަށޭނަ މަސްރަހެއް ގާއިމުކުރުމަށް މަސައްކަތްކުރުމެވެ،" ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި ދަތުރުފުޅުގައި ޓަމްރަޓް ސެމިއުލް ވަނީ، ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައުތަކުގެ މަންދޫބުންނާ ބައްދަލުކުރުމަށް ހަމަޖެހިފަ އެވެ.