16 Apr 2016, 16:25
ފްލޮރިޑާ (އޭޕްރިލް 16): އެމެރިކާގެ ފްލޮރިޑާގެ ޒުލެއްގައި ބަންދު ކޮށްފައިވާ، އާއްމުކޮށް ނުފެންނަ ބާވަތުގެ މިނިކާވަގެއް ޒުލުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ހަމަލާދިނުމުގެ ސަބަބުން އޭނާ މަރުވެއްޖެ އެވެ.
ޕާމް ބީޗް ޒޫގެ ތަރުޖަމާނު، ނަކީ ކާޓާ ވިދާޅުވީ 13 އަހަރުގެ އެމިނިކާވަގު ސްޓޭސީ ކޮންވައިޒާ އަށް ހަމަލާ ދިނީ މިނިކާ ވަގުން ކެއުމަށާއި ނިދުމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ވަދެ އުޅެނިކޮށް ކަމަށެވެ. އަދި އެސަރަހައްދަކީ އާއްމުންނަށް ފެންނަ ގޮތަށް ހަދާފައިވާ ތަނެއް ނޫން ކަމުން ކޮންވައިޒާއަށް ހަމަލާ ދިން މަންޒަރު ޒުލަށް ޒިޔާރަތް ކުރި އެއްވެސް މީހަކަށް ފެނިފައި ނުވާނެ ކަމަށް ކާޓާ ވިދާޅުވި އެވެ.
ހާދިސާ ހިނގި ވެސްޓް ޕާމް ބީޗްގެ ފުލުހުން ބުނީ، ކޮންވައިޒާ އަށް މިނިކާވަގު ހަމަލާ ދިނުން ހުއްޓުވީ މިނިކާވަގަށް ހޭނައްތާ ބޭސް ދީގެން ކަމަށެވެ. އަދި ކޮންވައިޒާ ސަލާމަތް ކުރެވުނީ މިނިކާވަގު އެއްކޮށް ހޭނެތުނުކަން ޔަގީން ވުމުން ކަމަށެވެ. ކޮންވައިޒާ ސަލާމަތް ކުރުމަށް ފަހު ޒުލުގެ ކައިރީގާއި ހުރި ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، އޭނާ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފަ އެވެ.
ތަރުޖަމާނު ކާޓާ ވިދާޅުވި ގޮތުގައި ކޮންވައިޒާ ޒުލުގައި މަސައްކަތް ކުރާތާ މިހާރު ތިން އަހަރުވެއްޖެ އެވެ. އޭނާ މަސައްކަތް ކުރަމުން އައީ ޕާމް ބީޗް ޒުލުގެ މިނިކާވަގުން ބަލަހައްޓާ ގުރޫޕުގެ ލީޑަރުގެ ގޮތުގަ އެވެ.
ކޮންވައިޒާއަށް މިއަދު ހަމަލާ ދިން މިނިކާވަގު ނިސްބަތްވާ މަލާޔަން މިނިކާވަގު އާއިލާއަކީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ އާއިލާއެކެވެ. ދުނިޔޭގައި މިހާރު ތިބީ މަލާޔަން އާއިލާގެ 250 މިނިކާވަގެވެ. (ސީއެންއެން)