މީހާ އަނަރޫފަވެ ހީވަނީ "ކަށިގަނޑެއް" ހެންނެވެ. މޫނުމަތިން ރީތިކަން ގެއްލި ބިރުވެރި ވައްތަރެއް އެވަނީ ޖަހަން ފަށައިފަ އެވެ. ފެންނަ ފެނުމަށް ހީވަނީ ބޮޑު ބައްޔެއް ޖެހިފައިވާ މީހެއްހެންނެވެ. މީހާ ގައިގައި ވަރެއް ނުހުރެ އެވެ. މޫނުމަތީ އުޖާލާ ކަމެއް ނުހުރެ އެވެ. އޭނާ އެންމެ ފޫހިވާ ކަމަކީ ކެއުމެވެ.

އުމުރުން 21 އަހަރުގެ އެ ޒުވާން އަންހެން ކުއްޖާ އަށް ކާންދޭން ޖެހެނީ ގަދަކަމުންނެވެ. ކެއުމަކީ އޭނާ އެންމެ ނަފްރަތު ކުރާ ކަމެކެވެ. ނަތީޖާއަކަށް ވެގެންގޮސްފައި ވަނީ މީހާ މުޅިން ބަލިކަށިވެ، އެންމެ ހަރަކާތްތެރިގޮތަށް ހިނގާ ބިނގާބެ ނޫޅެވޭ ހިސާބަށް ކަންކަން ދިއުމެވެ. އެހެން މީހުން އާޝޯހު ވާވަރަށް އޭނާ ހިކިގެންދިއުމެވެ. މިއީ އާންމު ކަމެއްކަމަށް ބައެއް މީހުން ހީކޮށް ފާނެ އެވެ. ނަމަވެސް އެނގޭހެއްޔެވެ؟ ތިއީ ނަފްސާނީ ބައްޔެކެވެ.

އެނޮރެކްސިއާ ނާވަސާގެ ސަބަބުން މީހެއްގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް--

ކެއުންމަތިން ފޫހިކޮށްލާ ބައްޔެއް!

ލޯގަނޑު ކުރިމަތީގައި ހުރެ އަމިއްލަ ހަށިގަނޑަށް ބެލުމާއި އެހެން މީހުންގެ ހަށިގަނޑާ ތިމާގެ އަމިއްލަ ހަށިގަނޑު އަޅާކިޔުމަކީ ވަރަށް ގިނަ ޒުވާނުން ކުރާ ކަމެކެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. ނަމަވެސް މުޅި ދުވަސް އެކީގައި އެކަމާ މެދު ވިސްނާ ފިކުރުކޮށް މީހާގެ ސިކުނޑި ސުމަކަށްދާވަރު ވުމަކީ މައްސަލައެކެވެ. އަދި މީހަކު ތިމާއާ ދިމާލަށް ބަލާލިއަސް އެއީ ހަށިގަނޑުގެ ސަބަބުން ބެލި ބެލުމެއް ކަމަށް ހީވެ މުޅި މީހާ ފިނިވެ އެވެ. އަމިއްލަ ހަށިގަނޑަށް ނަފުރަތު ކުރެވި ކެއުން މަތިން މުޅިން ފޫހިވެ އެވެ. ނުކައި ހުރެގެން ވެސް ހިކެން ބޭނުންވެ އެވެ. ތި ގޯސްވީ އެވެ. އެންމެ ފަހުން މީހާ ކެއުމާ ދުރުވެ، އެކަން ނަފްސާނީ ބޮޑު ބައްޔަކަށް ބަދަލުވެގެންދެ އެވެ.

އެ ބައްޔަށް ދީފައިވާ ނަމަކީ އެނޮރެކްސިއާ ނާވަސާ އެވެ. އެނޮރެކްސިއާ އަކީ ދެ ޖިންސުގެ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރިމަތިވެދާނެ މައްސަލައެކެވެ.

ގިނައިން ޒުވާން އަންހެން ކުދިންނަށް ޖެހޭ އެ ބަލީގެ ސަބަބުން އެ މީހާ ކެއުން ބުއިމުގެ މަތިން މުޅިން ފޫހިކޮށްލަ އެވެ. ސަބަބަކަށް ވަނީ އޭނާ ހިކިކޮށް ހުރުމުގެ ބޭނުމުގަ އެވެ. ކިރިޔާ ވެސް އެއްޗެއް ކާލާއިރަށް އޭނާ ފަލަވެދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން މުޅިން ކެއުން ދޫކޮށްލުމެވެ. އެފަދަ ފަރާތްތަކަށް އަބަދުވެސް ވިސްނޭނީ ފަލަވެދާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުން ކާނީ ކިރިޔާ ދުނިޔޭގައި ހުރެވޭވަރަށެވެ. ނަތީޖާއަކަށް ވެގެންދަނީ މީހާ ނަފްސާނީ ބަލީގެ ތެރެއަށް ވެއްޓި މީހާގެ ސިއްހަތަށާއި އާންމު ދިރިއުޅުމަށް އޭގެ ނުބައި އަސަރު ކުރުމެވެ.

ހިކިކޮށް ހުރުމުގެ ބޭނުމުގައި ކެއުން ދޫކޮށް އެތައް ބަޔަކު އެވަނީ އަނަރޫފަ ދިރިއުޅުން ހިޔާރުކޮށްފަ އެވެ. އެމީހުންނަށް ރީތީ އެސިފަ އެވެ. ނަމަވެސް އެހެން މީހުންނަށް ފެންނަން ހުރީ ބަލިކަށި މީހެކެވެ. މިނަފްސާނީ ބަލީގެ އަނެއްކޮޅު ވެސް އެބައޮތެވެ. އެއް ބަޔަކު ކެއުމާ އިން އިންތިހާ އަށް ދުރުގައި އުޅޭ އިރު އިންތިހާއަށް ކެއުމުގެ މައްސަލައަކީ ވެސް ހަމަ މިނަފްސާނީ ބަލީގެ ސަބަބުން ކުރިމަތިވަމުން އަންނަ ކަމެކެވެ.

ކެއުމާ ހެދި މޮޔަކުރުވާ ބައްޔެއް!

މިއަލިއަޅުވާލާ ނަފްސާނީ ބަލީގެ ސަބަބުން މީހުން އިންތިހާއަށް ކައެވެ. އާދައިގެ މީހަކު ކާކެއުމުގެ އެތައް ގުނައެއް އިތުރަށްކަ އެވެ. އެވަރަށް ކާ ފަހުން ދެން ވާގޮތަކީ ކެވުނު މޮޔަ ވީހަނީ އެވެ. އެއާ އެކު އެކަމާއި ވިސްވެން ފެށެނީ އެވެ. ނަތީޖާއެއްގެ ގޮތުން ކޭހާ އެއްޗެއް ބޭރު ކުރަން މަސައްކަތް ކުރެ އެވެ.

ބުލިމިއާ ނާވޯސާ:

ބުލިމިއާއަކީ ވެސް ހަށިގަނޑާ މެދު އުފެދޭ ނުތަނަވަސްކަމުގެ ސަބަބުން ކުރިމަތިކުރުވާ ނަފްސާނީ ބައްޔެކެވެ. ފުރާނައަށް ނުރައްކާ ވެދާނެ އެ ބަލީގައި އުޅޭ މީހުން ކުއްލި ކުއްލިއަށް ވަރަށް ގިނައިން ކާނެ އެވެ. އަދި ކެއުމަށް ފަހު ގަދަކަމުން ހޮޑުލާނެ އެވެ. އަވަސް އަވަހަށް ގިނައިން ކެއުމަށް ފަހު ކެއި ހުރިހާ އެއްޗެއް ހޮޑަށް ލާ ނަމަ، ހަޖަމުކުރުމުގެ ނިޒާމު ވަރަށް ބޮޑަށް ހަލާކުވާނެ އެވެ. އަދި ހިތާއި އެހެނިހެން ގުނަވަންތަކަށް ގެއްލުން ލިބި ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދެ އެވެ.

އެބަލިޖެހިފައިވާ ފަރާތްތަކުން އިންތިހާއަށް ކެއުމަށް ފަހު ކެވުނު މޮޔަވީހުވުމުން އަމިއްލަ އަނގަޔަށް އިނގިލި ލައިގެންނާއި ތަފާތު ލިކުއިޑްތައް ބޮއެގެން ހޮޑުލުމަށް މަސައްކަތް ކުރެ އެވެ. ހަމައެއާ އެކު ފާހާނާ ކުރެވޭ ތަފާތު ބޭސްތައް ބޭނުންކޮށްގެން ކޭހާ އެއްޗެއް ބޭރުކުރަން މަސައްކަތް ކުރެ އެވެ.

އަމިއްލެއިން ހޮޑުލުމަށް މަސައްކަތް ކުރަނީ، އެއީ ބުލީމިއާ ޖެހިފައިވާ މީހުން ކަންކުރާގޮތެއް--

ކޭ އެއްޗެހި ބޭރުކުރުމަށް ފަހު އަނެއްކާ ވެސް މާކަ ގިނަ ދުވަހަކު ކެތެއް ނުކުރެވެ އެވެ. އަނެއްކާ ވެސް އިންތިހާއަށް ކާން ފަށަފަ އެވެ. ހަމައެގޮތަށް ތަކުރާރުކުރެ އެވެ. މިއީވެސް އެތައް ބަޔަކު ތަހަށްމަލް ކުރަމުން އަންނަ ނަފްސާނީ ބައްޔެކެވެ.

ތިއީ ނަފްސާނީ ބަލިތައް، ފަރުވާ އަވަސްކުރޭ!

އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެފަދަ ނަފްސާނީ މައްސަލަތައް ކުރިމަތި ވަނީ ކުޑައިރު ޖިންސީ ގޯނާކުރުން ފަދަ އަނިޔާތަކާއި ބުލީކުރުން ފަދަ ކަންކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކެވެ. ހަމައެހެންމެ އިންތިހާއަށް ނުތަނަވަސްކަން އިތުރުވުމަކީ ވެސް އެފަދަ މައްސަލަތައް ކުރިމަތިވެދާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެބަލިތަކުގެ ސަބަބުން ސިއްހަތަކަށާއި އާންމު ދިރިއުޅުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންތަކެއް ކުރިމަތިވެ މީހާ ހަރަކާތްތެރިވެ އުޅުމަށް މައްސަލަތައް ކުރިމަތިވާ ކަމަށް ސައުދާ ވިދާޅުވި އެވެ.

ގިނައިން އަންހެނުންނަށް ދިމާވާ އެފަދަ މައްސަލަތަކުގައި ބުރެއިން ކޮންޑިޝަންކޮށްގެން ފަރުވާ ދެމުންދާ ކަމަށް ސައުދާ ވިދާޅުވި އެވެ. އެގޮތުން ކޮގްނަޓިވް ބިހޭވިއާ ތެރަޕީ(ސީބީޓީ)، އާއި ހިޕްނޮތެރަޕީ ދީގެން އެފަދަ މައްސަލަތަކަށް ފަރުވާ ދެމުން އަންނަ ކަމަށް ސައުދާ ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތައް ގިނަ ރާއްޖޭގައި އިސްވެ މިފާހަގަ ކުރި ދެ ބައްޔަކީ ވެސް އާންމުދެ ބައްޔެވެ. އެއްބަޔަކު ކެއުމަށް ނަފްރަތު ކުރަނީ އެވެ. އަނެއް ބަޔަކު ކެއުމާހުރެ މޮޔަވަނީ އެވެ. އަވަހަށް ފަރުވާ ހޯދާށެވެ. ތިއީ ބައްޔެކެވެ.

----------------------------------------------------------------------------

ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން އަށް ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.