ސްކޫލް ދަރިވަރުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި ކުއިޒް މުބާރާތެއް ފަށައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިންތިޒާމުކޮށްގެން ގައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަ ކުރުމަށް ފުވައްމުލަކު ހާފިޒް އަހުމަދު ސުކޫލްގައި ކުރިއަށްގެންދާ އެ މުބާރާތަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެެވެ.

ފުވައްމުލަކު ހަތަރު ސުކޫލަކުން ބައިވެރިވާ އެ މުބާރާތުގައި ކޮންމެ ސްކޫލަކުން ވެސް އެއް ޓީމު ބައިވެރިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. އަދި ކޮންމެ މެޗެއްގައި ވެސް ތިން ބުރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ އޭސީސީ އިން ބުނެ އެވެ.

އެ ރަށު ހާފިޒް އަހުމަދު ސުކޫލާއި، މަދަރުސަތުއް ޝެއިހު މުހައްމަދު ޖަމާލުއްދީން ސުކޫލް އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ފުވައްމުލަކު ސުކޫލް ބައިވެރިވާ އެ މުބާރާތުގައި އެއް ވަނަ ދެވަނަ ސުކޫލް ހޮވުމަށް ނިންމާފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. އަދި އެއްވަނަ ދަރިވަރަކު ވެސް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

އެންޓިކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް އޭސީސީ އިން ވަނީ އެ ހަތަރު ސުކޫލަށް ހާއްސަކޮށްގެން ގުރުއާން ބުމާރާތެއްވެސް ބާއްވާފަ އެވެ.

އެ މުބާރާތަކީ އިސްލާމްދީނުގައި ކޮރަޕްޝަންގެ ނުބައިކަން ބަޔާންކޮށް އަންގަވާފައިވާ އެންގެވުންތައް ހަނދާންކޮށް ނަޒާހަތްތެރިކަމުގެ ސިފަތައް، މީސްތަކުންގެ މެދުގައި އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެ އެވެ.