އަންނަ ޖޫން މަހު ފްރާންސުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތާ ދިމާކޮށް، އެ މުބާރާތުގެ މެޗެއް ބަލައިލުމަށް ފްރާންސަށް ދިއުމަށް ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާއިން ފަށައިފި އެވެ.

މިއަދު ހޮޓެލް ޖެންގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، މި ޕްރޮމޯޝަން ފައްޓަވައިދެއްވީ ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރ މިލިންދް ދެރާސަރީ އެވެ.

ކޮކާ ކޯލާގެ ޖެނެރަލް މެނޭޖަރ މިލިންދް ދެރާސަރީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، 10 އޭޕްރިލް 2016 އިންފެށިގެން ބާޒާރަށް ނެރެފައިވާ، ޔޫރޯ 2016 ގެ ލޭބަލް ޖެހި ކޯކު ފުޅިތަކުގެ ހުދު މަތިގަނޑުގެ ދަށުގައިވާ ޚާއްސަ ކޯޑު 2626 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ.

މިއަދުން ފެށިގެން 29 މޭ ވަނަ ދުވަހަށް ކުރިޔަށް ދާ މި ޕްރޮމޯޝަނުގައި އެތަކެއް އިނާމުތަކެއް ދެވޭ އިރު، އެންމެ ޚާއްސަ އިނާމަކީ ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ބަލައިލުމަށް ދެމީހަކަށް ދެވޭ ދެކޮޅު ޓިކެޓެވެ. ހަ ހަފްތާ ވަންދެން، ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިއެއް ހޮވާ އިރު، ހަ ނަސީބުވެރިންނަށް ދެމީހަކަށް ދެކޮޅު ޓިކެޓު ލިބެ އެވެ. ޖުމްލަ 12 މީހަކަށް ފްރާންސަށް ދެވޭ އިރު، މި 12 މީހުންނަށް ލިބޭނީ ޕެރިހުގައި ކުޅޭ 38 ވަނަ މެޗެވެ. މި މެޗަކީ، 25 ޖޫންގައި ކުޅެވޭ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

މި ނަސީބުވެރިން ހަތަރު ދުވަހާއި ތިން ރޭ ޕެރިސްގައި ހޭދަ ކުރާ އިރު، ޔޫރޯ މުބާރާތުގެ މެޗު ބަލައިލުމުގެ އިތުރުން ޕެރިހުގެ އެކިއެކި ހިސާބުތައް ބަލައިލަން ގެންދިއުމުގެ އިންތިޒާމު ވެސް ކޮކާ ކޯލާއިން ވަނީ ހަމަޖައްސައިދީފަ އެވެ.

މިއަދު ވަނީ، މިދިޔަ ހަފްތާއިން ފެށިގެން މިއަދުގެ 1:00 އާ ހަމައަށް، ކޯޑު އެސްއެމްއެސް ކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ޕެރިހަށް ދެވޭ ފުރަތަމަ ނަސީބުވެރިޔާ ވެސް ހޮވައިފަ އެވެ. މި ހަފްތާގައި ޓިކެޓު ލިބިފައިވާ 9910911 އިން މެސެޖު ކުރި ފަރާތަށެވެ.

ޔޫރޯ މެޗެއް ބަލައިލުމަށް ދެވޭ ޓިކެޓުގެ އިތުރުން ދެވޭ އިނާމުތަކުގެ ތެރޭގައި، ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިއަކަށް، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އޮރިޖިނަލް ފުޓުބޯޅައެއް ލިބެ އެވެ. މި ހަފްތާގެ ގުރުއަތުލުން މިއަދު ކުރިޔަށް ގެންދިޔަ އިރު، އެ ފުޓުބޯޅަ ލިބެނީ 7887196 ނަމްބަރުން މެސެޖު ކުރި ފަރާތަށެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން މިއަދު ނަސީބުވެރިން ހޮވަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އަދި މިއަދުން ފެށިގެން 29 މޭ އާ ހަމައަށް، ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިއަކަށް 32 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބޭނެ އެވެ. މިއަދުގެ ޓީވީ ލިބެނީ 9932266 އިން މެސެޖު ކުރި ފަރާތަށެވެ.

ކޮކާ ކޯލާއިން މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ބޮޑެތި ފުޓުބޯޅަ މުބާރާތްތަކާ ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން، 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕްގެ މެޗެއް ބަލައިލުމަށް ވެސް ކޮކާ ކޯލާއިން ވަނީ ހަ ދިވެއްސަކު ބްރެޒިލަށް ގެންގޮސްފަ އެވެ.