ޓެރަރިޒަމަށް މަގުފަހިވާ ކަންކަން ހުއްޓުވައި ހައްދުފަހަނަޅައި ދިއުމަށް މަގުފަހިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް ބާއްވައިފި އެވެ.

ތުރުކީގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން މިދިޔަ ހަފްތާގެ ހޯމަދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބޭއްވި އެ ތަމްރީނު ޕްރޮގުރާމްގައި މަޝްވަރާ ކޮށްފައިވަނީ، ހައްދުފަހަނަޅައި ދިއުމަކީ ކޮބައިކަމާއި އެފަދަ ޖަމާއަތްތަކާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މީހުންގެ ފަރާތުން ފާހަގަ ކުރެވިފައި ހުރި ކަންކަމާ ގުޅޭގޮތުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އުފެދިގެން އަންނަ ގޮތާއި އެފަދަ ޖަމާއަތްތަކަށް މީހުން ވެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކާއި އަދި އެފަދަ ހަރަކާތްތަކަށް ފާރަވެރިވެ އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ތަމްރީނު ޕްރޮގުރާމްގައި މައުލޫމާތު ދީފައިވާ ކަމަށެވެ.

ހަމައެއާއެކު، ޓެރަރިޒަމްގެ ކަންކަން އުފެދި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކުރެވެން ހުރި ކަންކަމާއި ހައްދުފަހަނަޅައި ދިއުމާއި ޓެރަރިޒަމާއި ހުރި ގުޅުމަކީ ކޮބައިކަމާއި ޓެރަރިޒަމްގެ އަމަލުތައް ދެނެގަނެ ފިޔަވަޅު އަޅާނެ ގޮތްތަކާ ގުޅޭގޮތުންވެސް އެ ތަމްރީނު ޕްރޮގުރާމްގައި މައުލޫމާތި ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ހައްދުފަހަނަޅައިދާ މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާފައިހުރި ނުރައްކާތެރި އަމަލުތަކާއި އެކަންކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އެ ތަމްރީނު ޕްރޮގުރާމްގައި ދީފައިވާ ކަމަށެވެ. އަދި ތުރުކީގައި ހިނގާފައި ހުރި އެފަދަ ނުރައްކާތެރި ކަންކަމުގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާ ގޮތްތައްވެސް އެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އޮޅުންފިލުވައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ތުރުކީގެ ތަޖުރިބާކާރު ފުލުހުން ކިޔަވައިދެއްވި އެ ތަމްރީނު ޕްރޮގުރާމްގައި ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސާއި، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް އަދި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގައި މަސައްކަތްކުރާ 30 ފުލުހަކު ބައިވެރިވެފައި ވެއެވެ.