އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާއަށް މިދިޔަ ހަތަރު އަހަރު ލިބިވަޑައިގެންނެވި އާމްދަނީ، އަހަރުން އަހަރަށް ދަށަށް ދިޔަކަން ހާމަވެއްޖެ އެވެ.

މިދިޔަ އަހަރު ރައީސް އޮބާމާގެ ދެކަނބަލުންގެ މާލީ ބަޔާނާއި ޓެކްސްގެ ބަޔާންތައް އިއްޔެ ވަނީ އާންމު ކުރައްވައިފަ އެވެ. އެ ބަޔާންތައް ދައްކާ ގޮތުގައި، ރައީސް އޮބާމާގެ ދެކަނބަލުންނަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތީ 436،065 ޑޮލަރެވެ.

އެ ދެކަނބަލުންނަށް 2012 ވަނަ އަހަރު އާމްދަނީއަށް 608،611 ޑޮލަރު ލިބުނު އިރު، މި އަދަދު އަހަރުން އަހަރަށް ދިޔައީ ދަށްވަމުންނެވެ. 2013 ވަނަ އަހަރު އެ ދެކަނބަލުންނަށް 481،098 ޑޮލަރު ލިބުނު އިރު 2014 ވަނަ އަހަރު ލިބިފައި ވަނީ 477،383 ޑޮލަރެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އޮބާމާގެ ދެކަނބަލުންނަށް 436،065 ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު، އެ ދެކަނބަލުން އިންކަމް ޓެކްސްގެ ގޮތުގައި 81،472 ޑޮލަރު ވަނީ ދައްކަވައިފަ އެވެ.

އޮބާމަގެ ދެކަނބަލުންގެ އާމްދަނީ އަހަރަކުން އަހަރަކަށް ދަށް ވެފައި ވަނީ، ރައީސް އޮބާމާ ލިޔުއްވާފައިވާ ފޮތްތަކުގެ ސޭލްސް ދަށްވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ރައީސް އޮބާމާއަށް ލިބިވަޑައިގެންނެވި އާމްދަނީއިން ގާތްގަނޑަކަށް 400،000 ޑޮލަރަކީ ރައީސްގެ މުސާރައިގެ ގޮތުގައި ލިބުނު އަދަދެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ސޭލްސްއިން މިދިޔަ އަހަރު ލިބިވަޑައިގެންފައި ވަނީ 56،069 ޑޮލަރެވެ.

ރައީސް އޮބާމާގެ އާއިލާއަށް ލިބޭ ހެލްތު އިންޝޫރަންސަށް އެ އާއިލާއިން އިތުރަށް ވަނީ 1،766 ޑޮލަރު ދައްކައިފަ އެވެ. އަދި އޮލްޓަނޭޓިވް މިނިމަމް ޓެކްސްއަށް ވެސް 7،743 ޑޮލަރު ދައްކާފައި ވެ އެވެ.

މީގެ އިތުރުން ރައީސް އޮބާމާއާއި އާއިލާއިން، އެ އާއިލާގެ ޖުމްލަ އާމްދަނީގެ 15 ޕަސަންޓު، ނުވަތަ ގާތްގަނޑަކަށް 64،000 ޑޮލަރު، 30 އަށް ވުރެ ގިނަ ޗެރިޓީއާއި ޖަމިއްޔާތަކަށް ހަދިޔާ ކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި، ރައީސް އޮބާމާގެ ދެ ދަރިކަނބަލުން ކިޔެވުމަށް ދާ ސްކޫލަށް ހަދިޔާ ކުރެއްވި 5،000 ޑޮލަރު ވެސް ހިމެނެ އެވެ.

އަދި، ސްޓޭޓު ޓެކްސްތަކާއި މުދަލުގެ ޓެކްސްއިން ގާތްގަނޑަކަށް 49،000 ޑޮލަރު އޮބާމާގެ އާއިލާއިން ދައްކަވާފައިވާކަން މާލީ އަދި ޓެކްސް ބަޔާންތަކުން ފެންނަން އެބަ ހުއްޓެވެ.

ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދެވަނަ ދައުރު މި އަހަރުގެ ތެރޭގައި ހަމަވާނެ އެވެ.

މަސްދަރު: ސީއެންއެން