16 Apr 2016, 13:04
ކާކުކަން ނޭނގޭ މީހަކު ފުލުހެއްގެ ގައިގައި ޖެހުމުން އޭނާ ފިލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އެހީތެރިވެދިން ކަމަށް ބުނެ ފުލުހުން ތަހުގީގު ކުރި މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މުއައްސަސާގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުން މައްސަލަ ނިންމާފައި ވަނީ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން މަހުލޫފުގެ މައްސަލަ ތަހުގީގުކުރި ކުރުމުގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އިތުރު މައުލޫމާތު ލިބުމުން އެ މައްސަލަ ކުރިއަށް ގެންދާ ގޮތަށް މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
ފުލުހަކަށް ހަމަލާދިން މީހަކު ފިލުމަށް މަހުލޫފު އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ފުލުހުން މަހުލޫފު ހައްޔަރުކުރިއިރު އެ ދުވަހު ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މަހުލޫފު ހައްޔަރުކުރީ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ މައްސަލާގައި މަހުލޫފު ވަނީ ފަސް ދުވަހަށް ގޭ ބަންދުވެސް ކޮށްފަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް އޭނާ ގެންދިއުމުން ކޯޓުން ވަނީ ފުލުހުންގެ މައްޗަށް މަހުލޫފު ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.