16 Apr 2016, 12:59
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ހިންގަވަމުން އަންނަ، ފައިސަލް ފައުންޑޭޝަނުން ކ. ގާފަރާއި ކާށިދޫގައި މެޑިކަލް ކޭމްޕެއް ބާއްވައިފި އެވެ.
ފައިސަލް ފައުންޑޭޝަނުން ބުނީ، އެ ކޭމްޕަކީ ރަށުގައި ތިބެގެން ޑރ. ދެއްކޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުމަށް މީގެ ތިން އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ތިން މަހުން އެއް މަހު ބާއްވަމުން އަންނަ ކޭމްޕެއް ކަމަށެވެ.
އެގޮތުން، މި އަހަރުގެ ފުރަތަމަ ކޭޕް އިއްޔެ ކާށިދޫގައި ބާއްވާފައިވާއިރު، މިއަދު އެ ކޭމްޕު ކުރިއަށްދާނީ ގާފަރުގައި ކަމަށް ފައިސަލް ފައުންޑޭޝަނުން ބުންޏެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ބައެއް ކުޑަކުދިންނާއެކު -- ފޮޓޯ/ ފައިސަލް ފައުންޑޭޝަން
މިފަހަރުގެ ކޭމްޕުގައި ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަފީފުގެ އިތުރުން ކަށީގެ ހާއްސަ ޑރ. ރާއޯ ބަލިމީހުން ބަލާފައިވާ ކަމަށް ފައިސަލް ފައުންޑޭޝަނުން ބުނެއެވެ.
ފައިސަލް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސާއިން މޫސާ ވިދާޅުވީ، ކާށިދޫ ސިއްހީ މަރުކަޒާ ގުޅިގެން އެރަށުގައި ބޭއްވި ކޭމްޕުގައި ކަށީގެ ޑޮކްޓަރަށް ރަށުގެ ގާތްގަނޑަކަށް 70 މީހަކު ދައްކާފައިވާއިރު، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަށް ގާތްގަނޑަކަށް 80 ކުދިން ދައްކާފައިވާ ކަމަށެވެ.

ޓީޗިންގެ ރޮނގުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ލިބުނު ޓީޗަރަކަށް ފައިސަލް ފައުންޑޭޝަނުގެ ފައުންޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް އެވޯޑް ހަވާލުކޮށްދެއްވަނީ ---
މެޑިކަލް ކޭމްޕުގެ އިތުރުން، ފައިސަލް ފައުންޑޭޝަނުގެ ހަރަދުގައި ކާށިދޫ އާއި ގާފަރުގެ ޓީޗަރަކަށް ވިލާ ކޮލެޖުން ފަސްޓް ޑިގްރީ އިން ޕްރައިމަރީ ޓީޗިން އަށް ކިޔެވުމުގެ ފުރުސަތު ވަނީ ދީފައެވެ.
ސާއިން ވިދާޅުވީ، އެ ސްކޮލޮޝިޕްތައް ދީފައިވަނީ ސްކޫލްތަކުގެ ބޯޑުން ހޮވި ޓީޗަރަކަށް ކަމަށެވެ.