މި ދުވަސްވަރަކީ ބޮލީވުޑްގައި ވަރީގެ ވާހަކަ ވަރަށް ގަދައަށް ދެކެވޭ ދުވަސްވަރެކެވެ. އަރްބާޒް އާއި މަލައިކާ އިން ފެށިގެން ގޮސް ފަރްހާން އާއި އަދޫނާ އެވެ. މިހާރު ކުނާލް ކެމްމޫ އާއި ސޯހާ އަލީ ޚާން އެވެ.

ދެކެވޭ ހުރިހާ ވާހަކަ ތަކަކީ ތެދު ވާހަކަތަކަކަށް ނުވެދާނެ އެވެ. އަދި ފަހަރެއްގައި ދޮގު ވާހަކަތަކަކަށްވެސް ނުވެދާނެ އެވެ. އަރްބާޒް އާއި މަލައިކާ ވަރިވާން އުޅޭ ކަމަށް ބުނެ ފެތުރުނު ވާހަކަތައް މީގެ ކުރިން އަރްބާޒް އައީ ދޮގު ކުރަމުންނެވެ. އަދި މީޑިއާގައި ދެކެވުނު އެ ވާހަކަތަކަށް ރުޅިވެރިކަމާއެކު ރައްދު ދެމުންނެވެ.

އެހެންނަމަވެސް، އެންމެ ފަހުން ބަޔާނެއް މެދުވެރިކޮށް އަރްބާޒް އާއި މަލައިކާ ދުރުވެފައިވާކަން އެ ދެތަރިން ވަނީ ހާމަކޮށްފަ އެވެ. ކުނާލްގެ ހާލަކީވެސް އެއީ އެވެ. ކުނާލް އާއި ސޯހާ ވަރިވާން އުޅޭ ކަމަށްބުނެ މީޑިއާގައި ދެކެވުނު ވާހަކަތަށް އޭނާވެސް ވަނީ ރައްދު ދީފަ އެވެ.

"ކީކޭ؟ އަހަރެންގެ ކައިވެނި މުސީބާތެއްގައޭ؟ އަހަރެން ވަރިވާންވީ ކީއްވެ؟ އަނެއްކާ އަހަރެން މިއުޅެނީ އެހެން ދުނިޔެއެއްގައި ތަ؟،" އެ ވާހަކަތަކަށް ރައްދު ދެމުން ކުނާލް ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

ހަމައެއާއެކު، އެއާ ވިދިގެން ކުނާލް ވަނީ ސަލްމާން ހާންގެ ފިލްމު "ދަބަންގް" ގައި ބޭނުން ކުރާ މަގުބޫލު ޖުމްލައެއްވެސް ޓުވީޓު ކޮށްފަ އެވެ.

"އަހަރެން ގޮތެއް ނިންމުމަށްފަހު ނޫސްވެރިންގެ ވެސް އަޑެއް ނާހާނަން"، ކުނާލް ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

ކޮންމެއަކަސް، ވަރިވާން އުޅޭ ކަމަށް ބުނެ ވާހަކަތައް ފެތުރެން ފެށުމުން ކޮންމެ ތަރިއަކުވެސް އެންމެ ފުރަތަމަ އެވާހަކަތައް ދޮގު ކުރެ އެވެ. އެހެންނަނަމަވެސް އެންމެ ފަހުން އެއީ ތެދު ވާހަކަތަކެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެ އެވެ.

މިދިޔަ އަހަރު ކައިވެނި ކުރި ކުނާލް އާއި ސޯހާ ގެ ހާލަކީވެސް މިއީ ބާވަ އެވެ؟