އިންޑިޔާގެ ކުރީގެ ރައީސް މަރުހޫމް ޑރ އޭ.ޕީ.ޖޭ އަބްދުލްކަލާމުގެ ހަނދާނުގައި، ފުރަތަމަ ފަހަރަށް ދެވޭ އެވޯޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިއްޖެ އެވެ.

ރައީސް ޔާމީނަށް އެ އެވޯޑު ލިބިވަޑައިގެންފައި ވަނީ އިންޓެނޭޝަނަލް އެކްސެލެންސްގެ ދާއިރާއިންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ، "އިންޓަނޭޝަނަލް އެކްސެލެންސް"ގެ ދާއިރާއިން ދެވުނު ޑރ ކަލާމް ސްމްރިތީ އެވޯޑުގެ ފުރަތަމަ އެވޯޑެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވި ގޮތުގައި، މި އެވޯޑު ރައީސް ޔާމީނާ ހަވާލު ކުރެވޭނީ، އިންޑިއާގެ ތިރުވަނަންތަޕޫރަމްގެ ޑޭލް ވިއު ކޮލެޖުގެ 39 ވަނަ ފައުންޑޭޝަން ޑޭގެ މުނާސަބަތުގައި، 27 އޭޕްރިލް ވަނަ ދުވަހު އޮންނަ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޑރ ކަލާމް ސްމްރިތީ އެވޯޑަކީ، އިންޑިއާގެ ކުރީގެ ރައީސް މަރުހޫމް ޑރ އޭޕީޖޭ އަބްދުލްކަލާމަށް ހެޔޮ އެދޭ ފަރާތްތަކުން އުފައްދާފައިވާ "ކަލާމް ސްމްރިތީ އޯގަނައިޒޭޝަން"އިން ދޭ އެވޯޑެކެވެ.

އެ އެވޯޑު ދޭ އިތުރު ދާއިރާތަކަކީ ލީޑަޝިޕް އެކްސެލެންސްގެ ދާއިރާއާއި، އެޑިއުކޭޝަނަލް ލީޑަޝިޕް ދާއިރާއާއި ސައިންސް އެޑިއުކޭޝަން ދާއިރާ އެވެ.