އިސްލާމްއާބާދު (އޭޕްރިލް 16): ދޭހާސްނުވައެއްގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ އަފްޣާނިސްތާނުގައި ހުންނަ ބޭސްއަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއަކަށް ޕާކިސްތާނުގެ އިންޓެލިޖެންސް އޭޖެންސީން ވާގިވެރިވީ ކަމަށް އެމެރިކާއިން ބުނި ބުނުން ޕާކިސްތާނުން ދޮގުކޮށްފި އެވެ.

ސީއައިއޭގެ ތާރިހުގައި އެ އޭޖެންސީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި ހިމެނޭ، ޗެޕްމަން ފެސިލިޓީއަށް ދިން އެހަމަލާގައި ސީއައިއޭގެ ހަތް އޮފިސަރުން މަރުވެ، ހަ އޮފިސަރުންނަށް އަނިޔާވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާންޓްމެންޓުން މިިދިޔަ ބުދަ ދުވަހު އާއްމު ކުރި ރިޕޯޓެއްްގައިވާ ގޮތުން، ޕާކިސްތާނުގެ އިންޓަ ސާވިސް އިންޓެލިޖެންސް (އައިއެސްއައި)ގެ އޮފިސަރަކު ވަނީ ސީއައިއޭގެ ބޭސްއަށް ހަމަލާ ދިނުމަށް އެހީތެރިވުމުގެ ގޮތުން ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ހައްގާނީ ނެޓްވޯކަށް 200،000 ޑޮލަރު ދީފަ އެވެ.

"ޕާކިސްތާނާ ހައްގާނީ ނެޓްވޯކާ ގުޅުމެއްވާ ކަމަށް މީޑިއާއިން ބުނާ ބުނުމަކީ ބުއްދިއަށް ގަބޫލު ކުރެވޭ ބުނުމެއް ނޫން،" ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައިވެ އެވެ.

އެ ހަމަލާ ދިން މީހާއާ އެކު ތާލިބާނުގެ ލީޑަރު ނަގާފައިވާ ވީޑިއޯއެއްގައި އެޖަމާއަތުން ވަނީ ހަމަލާގެ ޒިންމާ ނަގާފައި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ސީއައިއޭ އިން އާއްމު ކުރި ރިޕޯޓުގައި ހިމެނޭ މައުލޫމާތުގެ ސައްހަ ކަމާއި، އައިއެސްއައިއާ ދެކޮޅަށް ކުރާ ތުހުމަތުތަށް ސާބިތުކޮށްދޭ ހެކި ލިބިފައިވާ ކަން ހާމަ ކުރަން އެ އޭޖެންސީން ވަނީ ދެކޮޅު ހަދާފަ އެވެ. (ރޮއިޓާސް)