16 Apr 2016, 11:58
ލަންޑަން(އެޕްރީލް 16): މިހިނގާ ގަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ފިނި ހޫނުމިން އިތުރު 2.5 ޑިގްރީ ސެލްސިޔަސްއަށް މައްޗަށްދާނެކަމަށް ބެލެވޭއިރު މިކަމާ ކުރިމަތިލުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އަހަރެއްގެ މައްޗަށް 2.5 ޓްރިލިޔަން ޑޮލަރު ޚަރަދު ކުރަންޖެހޭނެތީ މިއީ ދުނިޔޭގެ އިގްތިސާދު ރޫޅިގެން ހިނގާދާނެކަމެއް ކަމަށް ސައެންސްވެރިން އަންދާޒާ ކޮށްފިއެވެ.
ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން މަތިވާނެކަމަށް ބެލެވޭ 2.5 ޑިގްރީ ސެލްސިޔަސްގެ ހޫނުމިނާ ހަނގުރާމަކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އަހަރަކު 2.5 ޓްރިލިޔަން ޑޮލަރު ޚަރަދު ކުރަންޖެހޭއިރު މިއީ ދުނިޔޭގެ އިގްތިސާދު ރޫޅިގެންދާވަރުގެ ބޮޑު ޚަރަދެކެވެ. މި ދިރާސާގެ ނަތީޖާވަނީ ދާދިފަހުން ޕެރިހުގައި ބޭއްވި ދުނިޔޭގެ ތިމާވެއްޓާބެހޭ މަހާސިންތާއަށްވެސް ހުށަހަޅާފައެވެ.
މި ދިރާސާކުރި ޓީމުގައި ހިމެނޭ ޕްރޮފެސަރ ސައިމަން ޑީޓްސް ވިދާޅުވީ، ދުނިޔޭގެ ފިނިހޫނުމިން ދަށްކުރުމަށް މިހާތަނަށް ކުރެވިފައިވާ މައްސައްކަތްތަކާއި ކުރެވެމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށާއި މިހިނގާ ގަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ފިނި ހޫނުމިން އިތުރު 2.5 ޑިގްރީ ސެލްސިޔަސްއަށް މައްޗަށްދާނެކަމުގައެވެ. މިކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި އިންތިހާއަށް ހޫނު ގަދަވެ އަނެއްބައި ސަރަހައްދުތަކަށް ފިނިމޫސުމުގައި ގަނޑުފެނުގެ ތޫފާންތައް އައުމުގެ ފުރްސަތު ބޮޑުކަމައެވެ.
ހޫނު ގަދަވާދުވަސްވަރު ފިނިކުރުމަށާއި ފިނިވާދުވަސްވަރު ހޫނުކުރުމަށް ކުރަންޖެހޭ ޚަރަދުތައް ޑަބަލްވެގެންދާނެކަމަށާއި އަދި މިކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ބައެއް ސަރަހައްދުތައް ޣަރަގުވެ ތޫފާންތައް ގިނަވެ ދަނޑުބިންތައް ހަލާކުވެ ޖަންގަލިތަކާއި ޖަނަވާރުތައް މަރުވެ ކަނޑުގެ ދިރުންތައްވެސް ހަލާކުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިހާރުވެސް ވަނީ ބައެއް ސަރަހައްދުތައް ހަނަފަސްވެ އަނެއްބައި ސަރަހައްދުތަކުގައި ފެންބޮވުންފަދަ ކާރިސާތަކާ ވަރަށް ބޮޑަށް ކުރިމަތިލާންޖެހިފައެވެ. މިކަމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ގެއްލުން މިހާރުވެސް ދުނިޔެއަށް ވަމުންދާކަމަށް ޕްރޮފެސަރ ސައިމަން ޑީޓްސް ވިދާޅުވިއެވެ. (އާރުޓީ)