16 Apr 2016, 11:38
މިއަހަރު ބާއްވާޔޫރޯ 2016ގައި ބައިވެރިވާ ފްރާންސްގެ ގައުމީ ޓީމުން ކަރީމް ބެންޒެމާއަށް ފުރުސަތު ނުދޭން، އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމާ ގުޅިގެން ބެންޒެމާ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައިވާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ފްރާންސް ގައުމީ ޓީމުގެ ކޯޗް ޑިޑިއާ ޑިޝޯމްޕްސް އާއި ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް ނޮއެލް ލެ ގްރޭޓް މިދިޔަ ބުދަ ދުވަހު ބައްދަލުކުރެއްވުމަށް ފަހު ވަނީ، މިފަހަރުގެ ޔޫރޯގައި ރެއާލްގެ ތަރި ބެންޒެމާ ނުހިމެނުމަށް ނިންމައިފައެވެ.
މިދިޔަ ޑިސެންބަރު މަހު އެފްއެފްއެފް އިން ވަނީ، ފްރާންސް ޓީމުގެ މިޑްފީލްޑަރު މެތިއު ވަލްބުއެނާއަށް ބިރުދައްކައި އޭނާ ބްލެކްމެއިލް ކުރުމަށް ބެންޒެމާ ރޭވިކަމުގެ ތުހުމަތުގައި ކުރިއަށް ގެންދާ ތަހުގީގުތަކާ ގުޅިގެން އޭނާ ސަސްޕެންޑުކޮށްފައެވެ.
ފްރާންސްގެ ފުޓްބޯޅައިން ސަސްޕެންޑް ކުރެވިފައިވާ ބެންޒެމާއާ ދޭތެރޭ އެ ގައުމުގެ ކޯޓުން އާޅާފައިވާ ބައެއް ފިޔަވަޅުތަށް ނައްތާލުމުން ކުރިން ބެލެވިފައިއޮތީ އޭނާ ޓީމަށް ނަގާނެ ކަމަށެވެ.
ވޯލްޑް ކަޕް 1998 ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒިދާން ބުނީ، ފުޓްބޯޅަ ފެޑެރޭޝަންގެ އެ ނިންމުމާ ގުޅިގެން ބެންޒެމާ ހުރީ ވަރަށް ބޮޑަށް ދެރަވެ މާޔޫސް ވެފައިކަމަށާއި އެކަމާ ގުޅޭގޮތުން އޭނާ ބެންޒެމާއާ ވާހަކަ ދެއްކި ކަމަށެވެ.
"ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބެންޒެމާ ގައުމީ ޓީމަށް ނުނަގަން ނިންމި ނިންމުމާމެދު އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއްނުވޭ. ނަމަވެސް އެކަންތައްތަކާ ގުޅިގެން ބެންޒެމާ ހުރީ ވަރަބޮޑަށް ދެރަވެފައި. އޭނަ [ބެންޒެމާ] އަށް އެހާބޮޑަށް އަސަރުކޮށްފައި ވަނީ، އޭނަ ބޭނުންވޭ ޔޫރޯގައި ފްރާންސް ގައުމީ ޓީމުގައި ހިމެނި ޓީމަށް އެހީތެރިވެދޭން،" ރެއާލްގެ ކޯޗް ބުންޏެވެ.
ޒިދާން ބުނީ، ބެންޒެމާގެ ހުނަރާއި ފެންވަރާ މެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާ ކަމަށާއި، އެގޮތުން ބެންޒެމާއަކީ ފްރާންސް ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ކުޅުންތެރިއެއް ކަމަށެވެ.
"އަހަރެން ބޭނުމެއް ނޫން އެފްއެފްއެފްގެ އެ ނިންމުމަކީ ރަނގަޅު ނުވަތަ ގޯސް ނިންމުމެއްތޯ ކޮމެންޓް ކުރާކަށް. އެކަމަކު އަހަރެން އަދަބުވެސް ބެންޒެމާއަށް ހިތްވަރުދީ އެހީތެރިވާނަން." ޒިދާން ބުންޏެެވެ.
މި ސީޒަނަކީ 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބެންޒެމާ ސޮއިކުރި ފަހުން އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދާ ސީޒަންގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މިސީޒަންގައި އޭނާ ރެއާލަށް 22 މެޗު ކުޅެފައިވާއިރު 21 ލަނޑު ކާމިޔާބުކޮށްދީފައި ވެއެވެ.
މަސްދަރު:ގޯލް، ބީބީސީ