އެއްވެސް ފަރާތެއްގެ އެންގުމަކަށް ނުވަތަ ފިއްތުމަކަށް ބޯ ލެނބުމެއްނެތި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން އަމަލު ކުރަމުން އަންނަނީ ސީދާ ގާނޫނަށް ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެމްބީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުގައިވާ ގޮތަށް އެ ކޯޕަރޭޝަނުން އަމަލު ކުރުމުގެ އިތުރުން ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ޒިންމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް އަދާކޮށްދޭނެ ކަމަށެވެ. އަދި ގާނޫނުގައި ބުނެފައިވާ ގޮތުން ނަމަ އެމްބީސީއަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ކަމަށްވުމުން ގާނޫނުގައި ކަނޑައެޅިގެންވާ މިންވަރަށް މެނުވީ އެއްވެސް ފަރާތަކަށް ބޯ ނުލަނބާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖެހޭ ބަޔަކަށްވުމަށް ލާޒިމް ކުރާއިރު ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ގޮތަކަށް އެ މިންވަރަށް މެނުވީ އެއްވެސް ފަރާތަކުން ކުރާ އަމުރަކަށް ނުވަތަ އިރުޝާދަކަށް ނުވަތަ އަރުވާ ލަފަޔަކަށް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ބޯ ލަނބައިގެން ނުވާނެ ކަމަށް ގާނޫނުގައި ބުނޭ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ މީޑިޔާ ދޫނުކޮށްލަވަނީ ވަކި ފިކުރެއްގެ ބަޔަކު އެމްބީސީގެ ބޯޑަށް އައުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނީ ސަބަބެއް ނެތި ހަމަ އެކަނި ފިކުރެއްގެ މައްސަލައިގައި ކަން ރައީސް ނަޝީދު ރައްޔިތުންނަށް ހާމަކޮށްދެއްވިކަން ހިތްހަމަޖެހުމާ އެކު ފާހަގަ ކުރާ ކަމަށެވެ.