ދިރާގުގެ 27 ވަނަ އަހަރީ އާންމު ޖަލްސާ މި ހިނގާ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ބާޢްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 26 އޭޕްރިލް ވަނަ ދުވަހުގެ ރޭ 8:30ގައި ހޮޓެލް ޖެންގައި ކަމަށާއި 19 އޭޕްރިލްގެ ނިޔަލަށް އެ ކުންުފނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.

އެ ޖަލްސާގައި ދިރާގުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތައް ފާސްކުރުމާއި އެކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ހިއްސާދާރަކު ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރުމާއި ދިރާގުގެ އެކްސްޓާނަލް އޮޑިޓަރެއް ކަނޑައަޅާނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން، ނިމިދިޔަ އަހަރު ދިރާގުގެ ފައިދާ އިން ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ނިންމި ފައިސާގެ އަދަދު ފާސްކުރުމާއި މި އަހަރުގެ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާގެ އަދަދު ކަނޑައެޅުން ވެސް މި ޖަލްސާގައި ކުރިޔަށް ދާނެ އެވެ.

ދިރާގުން މި އަހަރުގެ ފެބްރުއަރީ މަހު މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ހިއްސާއަކަށް 4.69 ރުފިޔާ އެވެ.

ނިމިދިޔަ އަހަރުގެ ދިރާގުގެ ފަހު ޑިވިޑެންޑުގެ ގޮތުގައި ޖުމްލަ 356،440،000 ރުފިޔާ ބެހުމަށް އެކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. އެ އާ އެކު މިދިޔަ އަހަރު ދިރާގަށް ލިބުނު ހިއްސާގެ ފައިދާއިން، ހިއްސާދާރުންނަށް ޖުމްލަ 724،280،000 ރުފިޔާ ލިބިގެން ދާނެ އެވެ.