ގުއާޓަމާލާ ސިޓީ(އޭޕްރިލް 16): ގުއާޓަމާލާގެ ކުރީގެ ރައީސް، އޮޓޯ ޕެރޭޒް މޮލީނާ އާއި ކުރީގެ ނައިބު ރައީސް، ރޮގްޒާނާ ބަލްޑެޓީ ސެޕެއިންގެ ކުންފުންޏަކުން 25 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގި ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލާއި ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ކޮމިޝަނަކުން ތުހުމަތު ކޮށްފި އެވެ.

ގުއާޓަމާލާގެ ކުރީގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ރިޝްވަތު ނެގުމުގެ ތުހުމަތުތަށް ކޮށްފައި ވަނީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ދެބޭފުޅުންނަށް ވެސް މަގާމުން އިސްތިއުފާ ދޭން ޖެހުނުތާ އެއް އަހަރު ފަހުންނެވެ. އެގައުމުގެ ކަސްޓަމްސްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން، ޝަރީއަތް ބާއްވަން ދެން ދެބޭފުޅުން ވެސް މިހާރު ތިއްބެވީ ގުއާޓަމާލާގެ ޖަލުގަ އެވެ.

ގުއާޓަމާލާގެ އެޓާނީ ޖެނެރަލް، ތެލްމާ އަލްޑާނާ ވިދާޅުވީ، ކުރީގެ ރައީސްގެ މައްޗަށް ރިޝްވަތު ނެގުމުގެ ތުހުމަތު ކޮށްފައިވަނީ އެގައުމުގެ އެންމެ ބޮޑު ޕޯޓުގައި ޓާމިނަލެއް ބިނާކޮށް ހިންގުމުގެ ކޮންޓްރެކްޓް ސްޕެއިންގެ ޓީސީބީ ކުންފުންޏާ ހަވާލު ކުރި ގޮތުގެ ސަބަބުން ކަމަށެވެ. އަލްޑާނާ ވިދާޅުވީ 225 މިލިއަން ޑޮލަރުގެ އެކޮންޓްރެކްޓް ޓީސީބީއާ ހަވާލު ކުރުމުގެ މަސައްކަތް، މޮލީނާ ރައީސް ކަމަށް އިންތިހާބުވުމާ އެކު ފެއްޓެވި ކަމަށެވެ.

"ނޮވެމްބަރު 2011ގައި ޕެރޭޒް މޮލީނާ ރައީސް ކަމަށް އިންތިހާބުވި ފަހުން އެޕްރޮޖެކްޓް ހަވާލު ކުރުމުގެ މަސައްކަތް ފެށުނު. އަދި އޮޓޯ ޕެރޭޒް މޮލީނާ އާއި ރޮގްޒާނާ ބަލްޑެޓީ ލީޑަރުންގެ ގޮތުގައި ތިބެ، ކުށްކުރާ ގްރޫޕެއް އުފެދުނު،" އަލްޑާނާ ވިދާޅުވި އެވެ.

ގުއަޓަމާލާގެ ޕްރޮސިކިއުޓަރުން ވަނީ އެދެބޭފުޅުންނާއި ބައެއް އަރިސް ބޭފުޅުންނަށް ރިޝްވަތުގެ ފައިސާ ލިބުނު ކަން ސާބިތުވާ ލިޔުންތަކެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

މޮލީނާ އާއި ބަލްޑެޓީ ވަނީ ރިޝްވަތު ނެގިކަމުގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. (ބީބީސީ)