16 Apr 2016, 09:52
ޕަބްލިކު ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގެ ލަވަތައް ހުށަހަޅާފައިވަނީ "އިކްރާމްސް ޗޮއިސް" ތީމްގެ ދަށުންނެވެ.
މަޝްހޫރު މިއުޒިކު ކޮމްޕޯޒަރު އަދި އެ ދާއިރާއިން މާސްޓަސް ޑިގުރީ ހާސިލްކޮށްފައިވާ މުހައްމަދު އިކްރާމް އަށް ހާއްސަކޮށްގެން ގެނެސްދިން އެ ޝޯވްގައި ބައިވެރިން ހުށަހަޅައިދީފައިވަނީ އިކްރާމް ކޮމްޕޯސްކޮށްފައިވާ ލަވަތަކެވެ.

ކުޑަ އިއްބެ އަދި އިކްރާމް --- ފޮޓޯ: ޕީއެސްއެމް
ގެސްޓު ޖަޖެއްގެ ގޮތުގައި އިކްރާމްވެސް ބައިވެރިވި އެ ޝޯވްގައި ލިބުމަށް އެދެވޭ، ހިތް އުފާ، ހުވަފެން ފަދަ އުފެއްދުންތައް ފެނިގެން ދިޔަ އެވެ.
ހަމައެއާއެކު، މޯލްޑިވިއަން އައިޑަލް ފެށިގެން މިހާތަނަށް އައިއިރު ޝޯވްގެ ތިން ޖަޖުންވެސް އެންމެ ގިނައިން ބޭނުން ކުރި ބަސް ރޭގެ ޝޯވްގައި ގެނެސްދީފައި ވެ އެވެ. އެގޮތުން ޖަޖު މަރިޔަމް އުނޫޝާ (ކީޑި ދައްތަ) މޯލްޑިވިއަން އައިޑަލް ޝޯވްގައި މިހާތަނަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ "ބިއުޓިފުލް" މި ބަހެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ޖަޖުން، ކުޑަ އިއްބެ، އުނޫޝާ، އައްމަޑޭ --- ފޮޓޯ: ޕޯއެސްއެމް
ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އެންމެ ގިނައިން ބޭނުން ކުރި ބަހަކަށް ވެފައިވަނީ "ލަވައެއް ފަޅާލަބަ" މި ބަހެވެ. ހަމައެހެންމެ، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެންމެ ގިނައިން ބޭނުން ކުރި ބަހަކަށް ވެފައިވަނީ "ތަފާތު" މި ބަހެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި ލަވަ ހުށަހަޅައިދީފައިވަނީ "އިކްރާމްސް ޗޮއިސް" ތީމްގެ ދަށުން --- ފޮޓޯ: ޕީއެސްއެމް
ބެލުންތެރިންގެ 50 ޕަސެންޓު ވޯޓު، އަދި ޖަޖުންގެ 50 ޕަސެންޓު މާކްސް އާ އެކު ކުރިއަށްދާ މޯލްޑިވިއަން އައިޑަލްގެ މިރޭގެ ޝޯވް އިންވެސް ކޮންމެ ވެސް އެއް ބައިވެރިއަކު ވަކިވާނެ އެވެ.
ރާއްޖޭގައި ފުރެންޗައިޒް އުސޫލުން މިހާނަތަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވް، މޯލްޑިވިއަން އައިޑަލްގެ ފައިނަލް ޝޯވް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.