16 Apr 2016, 09:29
މިއަހަރު ނިމެންވާއިރު ރާއްޖޭގެ މުޅި ބެންކިން ސިސްޓަމްގެ އެސެސްމަންޓެއް ހެދިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއެމްއޭ) އިން ބުނެފިއެވެ.
މަރުކަޒީ ބެންކް އެމްއެމްއޭގެ ސީނިއާ މެނޭޖަރު މަންޒޫރު ޒުބެއިރު މިއަދު ސަން އަށް ވިދާޅުވީ އެބޭންކުގެ އުންމީދަކީ މިއަހަރު ނިމެންވާއިރަށް މުޅި ރާއްޖޭގެ ބެންކިން ސިސްޓަމްގެ އެސެސްމެންޓެއް ހެދުން ކަމަށާއި ނަމަވެސް އެއީ ބުރަ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެން މިކުރާ ކަމަކީ ރިސްކް އެސެސްމެންޓެއް މިހަދަނީ މުޅި ސިސްޓަމްގެ، ބެންކުތަކުގެ، ނުވަތަ ބެންކިން ސިސްޓަމްގެ، އެއެސެސްމަންޓްގެ މަސައްކަތް ކުރިއަށްދަނީމި." މަންސޫރު ވިދާޅުވިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އޮޑިޓް ރިޕޯޓުގައި ބޭންކުތަކުގެ އޮޕަރޭޝަނަލް ކަންތައްތަކާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ބެލުމަށް އެމްއެމްއޭއިން މިހާރު ދަނީ ތަހުގީގެއް ހިންގަމުންނެވެ.
އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ގާތްތަނޑަކަށް 65 މިލިއަން ޑޮލަރު ހިމެނޭ 60 އަށް ވުރެ ގިނަ ޗެކްތައް އެ ކުންފުނިން ބޭންކަށް ފޮނުވާފައިވާ ބޯޑް ރިޒޮލިއުޝަނާ ހިލާފަށް އެކުންފުނީގެ ދެމުވައްޒަފުން ސޮއިކުރުމުގެ ބަދަލުގައި އެންމެ މީހެއްގެ ސޮޔާ އެކު އެކިފަހަރު މަތިން އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްދީފައި ވާތީ، އެކަންހިނގާފައިވާ ގޮތް ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި އަންގަވާފައިވެ އެވެ.