16 Apr 2016, 09:16
މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ސަންގުޓީވީއަށް ވަދެ އެތަން ބަލައިފާސްކޮށް އެ ސްޓޭޝަނުން ގެންދިޔަ ހުރިހާ ސިސްޓަމްތަކެއްގެ ހާޑްޑިސްކުތަކުގެ ތެރެއިން ބައެއް ތަކެތި އަނބުރާ އެ ސްޓޭޝަނާއި ހަވާލުކޮށްފި އެވެ.
ސަންގު ޓީވީން ރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެ ސްޓޭޝަނަށް ވަދެ ފުލުހުން ގެންދިޔަ އިކިއުޕުމަންޓުތަކުގެ ތެރެއިން ތިން ލެޕްޓޮޕާއި ހަތަރު ހާޑު ޑިސްކު އެ ސްޓޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
SanguTv ah vadhe Fuluhun gendhiya equipment thakuge therein 3 laptop aa 4 hard disk TV aa havaalkoffi!pic.twitter.com/a1b0FTqEOG
— Sangu TV (@Sangu_tv)April 15, 2016
ސަންގުޓީވީއަށް ވަންނަން ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި ބަލައިފާސްކުރަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ، "ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ އިސް ވެރީންތަކަކަށް މަރުގެ އިންޒާރުދީ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެކަމަށް ބުނެ ބިރުދައްކާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ މެސެޖެއް ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެކިޤަރީނާ ހޯދުމަށް" ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ރިޕޯޓް އަދި ޔޫޓިއުބު ޑޮޓްކޮމްއަށް ލިބިފައިވާ މައުލޫމާތު" އަކީ ފުލުހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފުރާނައަށް ގެއްލުމެއް ދޭނެ ކަމަށް ބުނެ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހަކު، ހަތިޔާރާއެކު ތިބެ ވާހަކަ ދައްކާތަނެވެ. އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި އާންމުކޮށްފައިވާ އެ ވީޑިއޯގައި ދިވެހި ބަހުން ދައްކާ ވާހަކައިގެ ތަރުޖަމާ އިނގިރޭސީ ބަހުން، ސަބްޓައިޓަލްގެ ގޮތުގައި އަރުވައެވެ.
ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ އެ ވީޑިއޯއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް އޭރު "ސަން" އަށް ވިދާޅުވެފައި ވަނީ، އެ މައްސަލަ ތަހުގީގް ކުރަމުން އަންނަކަމަށެވެ.
މި އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ އެ ވީޑިއޯގައި ވަނީ ބައެއް ސިޔާސީ ލީޑަރުންނާ ދޭތެރޭ ފިޔަވަޅު ނޭޅުމަށް ގޮވާލައިފައެވެ. އެހެން ނޫން ނަމަ 30 ދުވަހުގެ ތެރޭގައި ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމަށް އިންޒާރު ދީފައިވެއެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގާފައި ވަނީ، އިންޒާރުގެ އެ ވީޑިއޯ މެސެޖް އާންމުކުރިތާ ގާތްގަނޑަކަށް މަސްދުވަސްވާން ކައިރިވެފައި ވަނިކޮށެވެ.