އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ދޭއްގެ 90 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ކޭކު އެޅުމުގެ ފުރުސަތު ބީބީސީގެ ގްރޭޓް ބްރިޓިޝް ބޭކްގެ އެއްވަނަ ހޯދާފައިވާ މުސްލިމެއްކަމަށްވާ ނާދިޔާ ހުސައިންނަށް ލިބިއްޖެ އެވެ.

އިނގިރޭސީ ރާނީގެ އުފަންދުވަހަކީ 21 އޭޕްރީލް އެވެ. ރާނީގެ އުފަންދުވަހުގެ ކޭކްއެޅުމުގެ ފުރުސަތު ލިބިފައިވާކަން ނާދިޔާ އިއްޔެ އިއުލާނުކޮށްފައިވާއިރު އޭނާ އެކަމާއި ހާސްވާކަމަށްވެސް ވަނީ ބުނެފަ އެވެ. ސަބަބަކީ އޭނާ ރާނީއަށް އަޅައިދޭ ކޭކަކީ ފުރިހަމަ ކޭކަކަށް ނުވެދާނެތީ އެވެ.

އުމުރުން 31 އަހަރުގެ ނާދިޔާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ރާނީއަށް ކޭކްއަޅަން އެދުމުން ނޫނެކޭ ނުބުނެވޭނެ ކަމަށެވެ. އަދި އެފުރުސަތު ލިބުން "ވޭތުވެދިޔަ އަހަރުތަކުގައި ރާނީގެ އުފަންދުވަސްތަކުގައި އަޅާފައިވާ ކޭކުތައް ބަލާލިން" ކަމަށް ނާދިޔާ ބުންޏެވެ. އަދި މިފަހަރު އެހެން އަހަރުތަކާއި ތަފާތު ކޭކެއް އަޅަން ބޭނުންވާ ކަމަށް ނާދިޔާ ވަނީ ބުނެފަ އެވެ.

ރާނީގެ އުފަންދުވަހުގެ ކޭކަކަށް ހަދަން ވިސްނަނީ އޮރެންޖް ޑްރިޒްލް ކޭކެއް ކަމަށާއި 21 ވަނަ ދުވަހު ކޭކު ރާނީއަށް ފޮނުވާނެ ކަމަށް ނާދިޔާ ބުންޏެވެ. މިހާރު " އަވަނާ ދިމާލަށް ބަލަންވެސް ބިރުގަނޭ" ކަމަށާއި މިހާރުވެސް ދާންވީ " ޕްރެކްޓިސް ކުރަން" ކަމަށް ނާދިޔާ ބުންޏެވެ.

ރާނީގެ އުފަންދުވަސް ފާހަގަކުރުމަށް ބަކިންހަމް ޕެލަސްއަށް ދިއުމުގެ ފުރުސަތުވެސް ނާދިޔާއަށް ވަނީ ލިބިފަ އެވެ. ނާދިޔާ ބުނީ އެ ހަބަރު އޭނާގެ ކުދިންނަށް ލިބުމުން ކުދިން ވަރަށް އުފާކުރި ކަމަށެވެ. މީގެ އެތައްހަފްތާއެއް ކުރިން އެފުރުސަތު ނާދިޔާއަށް ލިބުނު ނަމަވެސް އިއްޔެއާ ޖެހެންދެން ނާދިޔާ ވަނީ އެކަން ސިއްރެއްގެ ގޮތުގައި ބާއްވާފަ އެވެ.