ސަރުކާރު ޒިންމާދާރު ކުރުވާނެ އިދިކޮޅު ފަރާތެއް ރާއްޖެއަކު ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސް ޔާމީން 2018" މިނަމުގައި ރޭ އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިދިކޮޅު ފަރާތްތަކުގެ ކިބައިން ފެންނަނީ ސަރުކާރުން ރަނގަޅު ކަމެއް ކުރިޔަސް އެކަމާ ދެކޮޅުހަދާ މަންޒަރު ކަމަށެވެ.

މިފެންނަނީ ކޮންމެ ކަމަކާ ވެސް އިދިކޮޅު ހަދާތަން. މިރަށުގައި ބިން ހިއްކާތީވެސް އިދިކޮޅު ހަދަނީ. ރާއްޖެ ތަރައްގީ ކުރާތީވެސް އިދިކޮޅު ހަދަނީ. އެހެންވީމަ ސިޔާސީ މަސްރަހެއްގަ އޮންނަ އިދިކޮޅު ފަރާތެއް މިރާއްޖޭގައި ނެތީމާ އެއީ އަޅުގަނޑުމެން ކަންބޮޑުވެސް ވާންޖެހޭ ކަމެއް.

ހައުސިން މިނިސްޓަރު މުއިއްޒު

މުއިއްޒު ވިދާޅުވީ ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖު އަޅަން އުޅުމުން އިދިކޮޅު ފަރާތްތަކުން ފުރަތަމަ ބުނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުން އެއީ މާ މުހިންމު އެއްޗެއް ނޫން ކަމަށާއި އެއީ ފައިސާ އިން ވައްކަންކުރަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިއޮތް ހަމަޖެހުމާއި ރާއްޖެއަށް ލިބެމުންދާ ތަރައްގީ ފަނާކުރުމުގެ ނިޔަތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ރައްޔިތުން ވެސް ގައުމީ ވިސްނުމެއްގައި އެކަމާ ވިސްނަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމިއްޔަތު ނަގާލައި ރާއްޖޭގެ ވަރުގަދަ ޚާރިޖީ ސިޔާސަތު ނިކަމެތިކޮށްލައި ގައުމުގެ އަގުވައްޓާލަން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ތިބެގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ރޭވުންތައް ރާވަމުން ކަމަށާއި އެކަންކަމަށް ފުރުސަތުދީގެން ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިކަންކަމަށް އަޅުގަނޑުމެން ފުރުސަތުދީގެން ނުވާނެ. އަޅުގަނޑުމެން ދަންނަން އެބަޖެހޭ ގައުމަށް ތެދުވެރިވަނީ ކޮންބައެއްކަން ގައުމަށް ޚިޔާނާތްތެރިވަނީ ކޮންބައެއްކަން. އިދިކޮޅު ފަރާތްތައް އެދަނީ އެތަންވެގެން ސައްލާ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.