04 May 2011, 17:28
މޯލްޑިވްސް ނެޝަނަލް ޖާނަލިސްޓްސް އެސޯސިއޭޝަން [އެމްއެންޖޭއޭ]ގެ ރައީސްގެ ވާޖިބު އަދާ ނުކުރެއްވޭ ކަމަށް ބުނެ އެ މަގާމުން އިބްރާހިމް މުހައްމަދު (ސިމް) ވަކިކޮށް ނައިބު ރައީސް މުހައްމަދު ހަލީމް މުއްދަތެއް ނެތި ސަސްޕެންޑްކޮށްފި އެވެ.
ފާރަވޭ ރޭޑިއޯގެ ވެސް ވެރިޔާ މަގާމުން ވަކި ކުރީ ހިންގާ ކޮމެޓީން މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެ ޖަމިއްޔާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުﷲ އަޒްމީން މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިމް މަގާމުން ވަކި ކުރީ މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ފެންނާތީ ކަމަށެވެ.
"މިހާތަނަށް ހިންގާ ކޮމެޓީން ބޭއްވި އެންމެ ބައްދަލުވުމަކަށް ސިމް ވަޑައިގެންފައި ވަނީ. ޖަމިއްޔާ އެއްގޮތަކަށް ވެސް ހިންގަން އުޅުއްވާ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. ދެން މެންބަރަކު އޭނާ މަގާމުން ވަކި ކުރަން ހުށަހެޅީމަ ކޮމެޓީ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަކި ކުރީ ވެސް،" އަޒްމީން ވިދާޅުވި އެވެ.
އަޒްމީން ވިދާޅުވީ ހަމަ އެ ޖަލްސާގައި ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހަލީމް ސަސްޕެންޑް ވެސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަލީމް ސަސްޕެންޑް ކުރީ ޖަމިއްޔާ އަށް ނޭނގި ޖަމިއްޔާގެ ނަމުގައި ކަންތައްތަކެއް ކޮށްފައިވާތީ ކަމަށެވެ. އަދި އޭނާ ވެސް ޖަމިއްޔާގެ ހިންގުމުގައި ބައިވެރިނުވާ ކަމަށް އަޒްމީން ވިދާޅުވި އެވެ.
"ހަލީމް ވެސް އަޅުގަނޑުމެން ގުޅީމާ ހަބަރެއް ވެސް ނުވޭ. ޖަމިއްޔާގެ ނަމުގައި އެބަހުރި އެކި ކަންތައްތަކުގައި ބައިވެރިވެ އެކި ކަންތައްތައް ކޮށްފައި. އެހެންވީމަ އަޅުގަނޑުމެން ނިންމީ ހަލީމް އެންމެ ރަނގަޅުވާނީ މި ވަގުތު ޖަމިއްޔާއާ ދުރުގައި ހުރީމައޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަޒްމީން ވިދާޅުވީ ހިންގާ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވުމަށް ސިމް އާއި ހަލީމަށް ވެސް އަންގާފައިވާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅެއްގެ ހަބަރެއް ނުވުމުން ޖަލްސާ ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ސަން އޮންލައިނުން ސިމްއަށް ގުޅުމުން ފޯނު ނުނަންގަވާތީ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ހަލީމު ވިދާޅުވީ ޖަމިއްޔާގެ ގަވައިދު ބުނާ ގޮތުން ޖަލްސާއެއް ބޭއްވޭނީ ރައީސް ނުވަތަ ނާއިބު ރައީސް އިންނަވައިގެން ކަމަށާއި ނަމަވެސް ޖަލްސާއެއް ބޭއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބުނާ ޖަލްސާއަކުން ނިންމީ ކޮންކަންތައްތަކެއް ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.