ޖަޕާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމަށްފަހު، އަނެއްކާ ވެސް އެގައުމަށް ބާރުގަދަ ދެ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ޖަޕާނުގެ އެންމެ ހުޅަނގުދެކުނުގައި އޮންނަ ކިޔޫޝޫ ރަށަށް ބިންހެލުން އައިސްފައިވަނީ ރިކްޓަރު މިންގަނޑުން 7.4 ގެ ބާރުމިނުގައި ކަމަށެވެ.

ޖަޕާނުގެ އޮފިޝަލުން ބުނާގޮތުން، ފުރަތަމަ އައި ރެކްޓަރު މިންގަނޑުން 7.1 ގެ ބާރުމިނުގައި އައި ބިންހެލުން އައިސްފައިވަނީ ބިމުގެ ހަތް ކިލޯމީޓަރު އަޑިން ކަމަށެވެ. އަދި ރެކްޓަރު މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި ދެ ވަނަ ބިންހެލުން އައިސްފައިވަނީ ބިމުގެ 40 ކިލޯމީޓަރު އަޑިން ކަމަށް ޖަޕާނުގެ އޮފިޝަލުން ވިދާޅުވިއެވެ.

އެ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ވަނީ ނެރެފައެވެ.

ނަމަވެސް ރާއްޖެ ގަޑިން މިރޭ 9:25 އެހައިކަންހާއިރު އައި އެ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަރާފާނެ ކަމުގެ ބިރެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުންޏެވެ.

ޖަޕާނުގެ ދެކުނުގައި އޮންނަ ކުމަމޯޓޯ ޕްރިފެކްޗާގެ މަޝީކީ ޓައުން ސަރަހައްދަށް އިއްޔެ އައީ 6.2 މެގްނިޓިއުޑުގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ބިމުގެ 23 ކިލޯމީޓަރު އަޑިންނެވެ.

އިއްޔެ އައި ބިންހެލުމުގައި ނުވަ މީހުން މަރުވެ، 800 އަށްވުރެއް ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓައް ބުނެއެވެ.