15 Apr 2016, 22:56
ދުނިޔޭގެ އެތައް މިލިއަން ބަޔަކު މިއަދު ވިއްސިވިހާލިވުމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެ ދެކެފައިނުވާފަދަ ބަދު ނަސީބު މުސީބާތެއް ކަމަށާއި ދުނިޔެއަށް ދިމާވެފައިވާ އެ އިންސާނީ ހާލަތާމެދު އިސްލާމީ ދުނިޔެއަށް އަޅައިނުލައި އޮވެވޭކަށް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ، ތުރުކީގެ ވެރިރަށް އިސްޓަންބޫލުގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެތައް މިލިއަން ބަޔަކު މިއަދު ވިއްސިވިހާލިވުމުގެ ނަތީޖާއަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އިންސާނީ ހައްގުތަކުގެ ފެންވަރު ދަށްވުން ކަމަށާއި އެކަމާމެދު ރާއްޖެއިން ކަންބޮޑުވާ ކަމަށެވެ.
"ސޫރިޔާގައި 70 ޕަސެންޓް ރައްޔިތުންނަށް ސިއްހީ ގޮތުން ބޯން ކަމުދާ ފެންފޮދެއް ވަނީ ނުލިބިފައި. ދެ މިލިއަނެއްހާ ކުޑަކުދިން ވަނީ ކިޔެވުމުން މަހްރޫމްވެފައި. ކޮންމެ ފަސް މީހެއްގެ ތެރެއިން ހަތަރު މީހަކު ދިރިއުޅެމުން ދަނީ ފަގީރު ކަމުގެ ތެރޭގައި. މި އިންސާނީ ހާލަތާ މެދު އިސްލާމީ ދުނިޔެއަށް އަޅައި ނުލައި އޮވެވޭކަށް ނެތް. މި އިންސާނީ މުސީބާތް ހުއްޓުވުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން ތެދުވަން ވަނީ ޖެހިފައި،" މިނިސްޓަރުގެ ތަގުރީރުގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރުގެ ތަގުރީރުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަތަކަށް ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން ދުނިޔޭގެ އަމްނާއި ސުލްހަމަސަލަސްކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ޓެރަރިޒަމަށްވާއިރު، އެއްވެސް ގައުމަކަށް އެކަނިމާ އެކަނި އެކަމާ ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަން މަޖްބޫރުވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމުގެ އަމަލުތަކުގެ ބިވެރިވެރިކަން ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށާއި އެއީ ރާއްޖޭގެ އަމްނަށް ކުރިމަތިވެފައިވާ ބިރުވެރިކަމެއް ކަމަށް މިނިސްޓަރު ޒިޔާދު ވަނީ ވިދާޅުވެފައެވެ.
"މިފަދަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިންސާނާގެ ކަރާމަތު ޝިކާރަވެގެންދިޔަދީގެން ނުވާނެ. މި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރަން މިއަދު ވަނީ ބޭނުންވެފައި. ރާއްޖެއަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރާ ގައުމުތަކުގެ އެންމެ ކުރީ ސަފުގައިވާ ގައުމެއް،" މިނިސްޓަރު ޒިޔާދުގެ ތަގުރީރުގައި ވިދާޅުވި އެވެ.
އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ، ރާއްޖޭގެ ފަރާތުން ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުންނެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ސާލިހް ބިން މުހައްމަދު އާލުއްޝައިޚާ އާއެކު އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ---
މިއަދުގެ ޖަލްސާގެ ހަވާސާގައި އިސްލާމިކް މިނިސްޓަރު ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ސާލިހް ބިން މުހައްމަދު އާލުއްޝައިޚާ އާއި މޮރިޓޭނިޔާގެ އިސްލާމިކް މިނިސްޓަރު އަހްމަދު ވަލަދު ދާއޫދުގެ އިތުރުން އިއްތިހާދުލްމަދާރިސުލް އިސްލާމިއްޔާގެ އަމީނުލްއާއްމާއި ބައްދަލުކުރައްވާފައެވެ.