ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެ ވަނަ ނެޓްބޯޅަ މުބާރާތް ފަށައިފި އެވެ.

ސޯޝަލް ސެންޓަރު ބޭރު ކޯޓުގައި މިއަދު ހެނދުނު ފެށުނު އެ މުބާރާތުގައި ގައުމީ ޔުނިވާސިޓީގެ އަށް ފެކަލްޓީއަކުން ވާދަކުރެ އެވެ.

އެ މުބާރާތުގައި މިއަދު ހެނދުނު ދެ މެޗެއް ކުޅުނެވެ. ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް އާޓްސްއާ ވާދަކޮށް، ފެކަލްޓީ އޮފް އެޑިއުކޭޝަން ވަނީ 28-6 އިން މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމަށް ހޮވުނީ ފެކަލްޓީ އޮފް އާޓްސްގެ އަނާން އަލީ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ދެވަނަ ނެޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: އެމްއެންޔޫއެސްޔޫ

މުބާރާތުގެ ދެވަނަ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސް އަތުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ވަނީ މޮޅުވެފަ އެވެ. އެ މެޗުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ މޮޅުވީ 24-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޒުލައިހާ ހަބީބް އެވެ.

އެ މުބާރާތް ކުރިއަށްދަނީ އަންށް ފެކަލްޓީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ފެކްލަޓީ އޮފް އާޓްސް އާއި، ފައުންޑޭޝަން ސްޓަޑީސް އާއި، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަދި ފެކަލްޓީ އޮފް ހެލްތު ސައިންސް އެވެ.

މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އެމްއެންޔޫ ބިސްނަސް ސްކޫލާއި، ފެކްލްޓީ އޮފް ސައިންސް އެންޑް ފެކަލްޓީ އޮފް އިނިޖިނިއަރިން ޓެކްނޮލޮޖީ އާއި، ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް އެވެ.

މުބާރާތުގައި މާދަމާ ހެނދުނު ކުޅުމަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލުގެ މެޗުތަކާއި ފައިނަލް މެޗެވެ. ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ. މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.