15 Apr 2016, 19:43
މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ގަލޮޅު މަދަރުސާ ބަލިކޮށް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މައިލޯ އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މުބާރާތުގައި ފައިނަލް މެޗުގައި ގަލޮޅު މަދަރުސާ އަތުން އަހުމަދިއްޔާ މޮޅުވީ، 6-1 ލަނޑުންނެވެ.
އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ގަލޮޅު މަދަރުސާ ބައްދަލުކުރި މެޗުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ރިފްޝާން
ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން އެއްވަނަ ޑިވިޝަނުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބު އަދި އަހުމަދިއްޔާގެ ކޯޗުކަމާ ހަވާލުވެހުރި ކޯޗު ނިޒާމްބެ ބުނީ، އިންޓަ ސްކޫލް މުބާރާތުގައި ކުޅުނު ހަ ކުޅުންތެރިޔަކު މިސީޒަނުގެ އެއްވަނަ ޑިވިޝަނުގައި ކުޅޭނެ ކަމަށާއި އިންޓަ ސްކޫލް މުބާރާތްތަކުން ހުނަރުވެރި ކުޅުންތެރިން ފެންނަމުންދާ ކަމަށެވެ. އަދި އެއީ ފުޓްބޯޅައަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އަހުމަދިއްޔާ ކޯޗުކަމުގައި ހުރި ނިޒާމްބެ ވަނީ ޓީސީ ސްޕޯޓްސް ކްލަބު ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ، އެއްވަނަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ޓީސީއަށް ލީގުގެ ދެވަނަ ހޯދައިދީފަ އެވެ.
އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ މެޑެއްޔާއި، ޓްރޮފީ ހަވާލުކޮށްފަ އެވެ. ޓީމުތަކާއި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އިސްމާއިލް އަދި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝާހިދު އެވެ.
މުޅި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ މަގާމު ހޯދީ އަހުމަދިއްޔާގެ މުހައްމަދު އައްފާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކ. ގުރައިދޫ ސްކޫލް ހޮވުނު އިރު، ރަނަރަޕް މަގާމު ލިބުނީ ގަލޮޅު މަދަރުސާ އަށެވެ. ޗެމްޕިއަން އަހުމަދިއްޔާ އަށް ވަނީ ރަން މެޑެލްއާއި ތަށި ހަވާލުކޮށްފަ އެވެ.
އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ރަނަރަޕް ގަލޮޅު މަދަރުސާ ---- ސަން ފޮޓޯ: އަލީ ރިފްޝާން
އެ މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އަހުމަދިއްޔާގެ މުހައްމަދު އައްފާންއާއި، އެ ސްކޫލުގެ ހަސަން ސާމިހު އާއި، އެ ސްކޫލުގެ ނޫރުއްﷲ މުފީދު އާއި، އެ ސްކޫލުގެ އަލީ ޝާހިލް އާއި، އެ ސްކޫލްގެ ސަމްހާޒް މޫސާ އާއި، ހަމަ އެ ސްކޫލުގެ މުހައްމަދު މާއިލް އާއި، ގަލޮޅު މަދަރުސާގެ އަހްމަދު އައިހަމް އާއި، އެ ސްކޫލުގެ ޝަމްއޫން އަބްދުﷲ އާއި، ކ. ގުރައިދޫ ސްކޫލުގެ އަހުމަދު އަމާން އަބްދުﷲ އާއި، އެ ސްކޫލުގެ އުމައިޝް އަބްދުލްގައްޔޫމް އަދި އަލް މަދަރަސަތުލް އަރަބިއްޔާގެ އައުސަމް އަބްދުﷲ އަހްމަދު އެވެ.
މައިލޯ އިންޓަ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ދ. އަތޮޅު ތައުލީމީ މަރުކަޒާއި ޣާޒީ ސްކޫލެވެ.