ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް ވިޔަރެއާލް ނުކުންނަ ޖެހުނު އިރު، އެންމެ ފަހުގެ ޗެމްޕިއަން ސެވިއްޔާއާ ދެކޮޅަށް ޝަޚްތަރު ޑޮކެސްކް ނުކުންނަން ޖެހިއްޖެ އެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ގުރުނެގުމުގެ ރަސްމިއްޔާތު ސްވިޒަލެންޑްގެ ނިޔޯންގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް މި މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ސެމީގެ ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ޔޫރޮޕާ ލީގުގެ ސެމީއަށް އިނގިރޭސިވިލާތުގެ ލިވަޕޫލް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކަޓުވާލުމަށްފަހު އެވެ. ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގް ކަޓުވާލުމަށްފަހު ސްޕެއިންގެ ވިޔަރެއާލް ސެމީން ޖާގަ ހޯދިއިރު، ސެމީން ސްޕެއިންގެ ސެވިއްޔާ ޖާގަ ހޯދީ ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ ކަޓުވާލުމަށްފަހު އެވެ. އަދި ޝްޚްތަރު ސެމީން ޖާގަ ހޯދީ ޕޯޗުގަލްގެ ބްރާގާ ކަޓުވާލުމަށްފަހު އެވެ.

މި ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު، ސްވިޒަލެންޑްގެ އެފްސީ ބާސެލްގެ ދަނޑު، ސެއިންޓް ޖޭކޮބް ޕާކްގައެވެ.