އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި މާބުލްޖެހުމަށްޓަކައި އެތަނުގެ ތަޅުންތައް ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި މާބުލް ޖެހުމުގެ އަމަލީ މަސައްކަތް އެ މިނިސްޓްރީގެ ކަމާބެހޭ ސެކްޝަނުން އަންނަނީ ކުރަމުން ކަމަށެވެ.

އެތަނުގައި މާބުލްޖަހަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މާބުލް ޖެހުމުގެ މަޝްރޫއުއަށް ޗައިނާ ސަރުކާރުން 1.14 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ދީފައެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާބުލް ޖެހުމުގެ ސަބަބުން ބޮޑު ޖަމާއަތް ހަދައިގެން އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ނަމާދު ކުރެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އިސްލާމީ މަރުކަޒުގެ ގޯތިތެރޭގެ ގާތްގަނޑަކަށް 5000 އަކަ މީޓަރުގެ ސަރަހައްދެއްގައި މާބުލް ޖަހާނެ ކަމަށެވެ.

މަސްޖިދުލްނަބަވީގައި ހުންނަ ގޮތަށް ރޭގަނޑު ލެއްޕިފައި އަދި ދުވާލު ހުޅުވޭ ކަހަލަ ވަރަށް ރީތި ކުޑަތަކެއް އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖެހުމަށް ނިންމާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.