ކުށްކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލް މަޖިލީހުން ފާސްނުކޮށް ކޮމެޓީ އަށް ފޮނުވާލުމަށް ޖުމްހޫރީ ޕާޓީން ވޯޓުދިނީ، އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ކުށެއްނެތް އެތައް ބަޔަކަށް ބޮޑަތި އަނިޔާތަކެއް ލިބި އަދަބުތަކެއް ލިބިދާނެތީ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓް މެންބަރު އަހުމަދު މުއްތަލިއްބު މިއަދު ވިދާޅުވެއްޖެ އެވެ.

ކުށްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލް ފާސްކުރުމަށް އިއްޔެ ރޭ ބޭއްވި ކުއްލި މަޖިލިސް ބައްދަލުވުމުގައި އެ ބިލަށް ހުށަހެޅިފައިވާ ގިނަ އިސްލާހުތަކާ އެކު އެ ބިލް ކޮމެޓީ އަށް ފޮނުވާލާއި މަޖިލިސް ޗުއްޓީ އަށް ދިޔުމުން މަޖިލީހުގައި ތިބި އިދިކޮޅު މެންބަރުންނަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މުއްތޮލިބު ވިދާޅުވީ އެ ބިލަކީ ވަރަށް ނުރައްކާތެރި ބިލެއް ކަމަށާއި އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ގާނޫނު އަސާސީން ލިބިދީފައިވާ އެތައް ހައްގުތަކަކުން ކުށެއް ނެތް ރައްޔިތުންތަކެއް މަހުރޫމް ވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާޑު ކިޔުން އެބައާދޭ. އެކަމަކު އެއީ ވަރަށް ނުރައްކާތެރި ބިލެއް. އެ ގާނޫނަކަށް ވެއްޖެ ނަމަ ކުށެއްނެތް އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެން ދާނެ. ކުށެއް ނެތް ބަޔަކަށް ނުހައްގުން އަނިޔާތަކެއް ލިބޭނެ،" ސަން ސެޓް ގާނޫނުގެ ނަމުން މުހާތަބުކުރާ ގާނޫނާ މެދު ޖުމްހޫރީ ޕާޓީގެ ޕާލިމެންޓް މެންބަރު މުއްތޮލިބު ވިދާޅުވި އެވެ.

ކުށްކުރުން ގިނަވެ ނުރައްކާތެރި މާރާމާރީތަކެއްގައި ކުށެއްނެތް އެތައް އާންމު ރައްޔިތުންނެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާ ދަނޑިވަޅުގައި ފުލުހުންނަށް ވަކި ހާއްސަ ބާރުތަކެއް ދިނުމަށް ހުށަހެޅިފައިވާ ކުއްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލުގައި ފުލުހުންނަށް ގާނޫނު އަސާސީން ބޭރުން ލިބިދީފައިވާ ބާރުތަކަށް މުއްތޮލިބު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ކޯޓު އަމުރެއް ނެތި ބަންދުގައި ބެހެއްޓޭ މުއްދަތު ބޮޑުތަނުން އިތުކޮށްފައިވުމާއި އެއްވެސް ހަމައެއް ނެތި ތަންތަން ބަލައި ފާސްކުރުމާއި ފައިސާ ލިބޭ ގޮތާއި އަދި އެ ހޯދިގޮތް ތަހުގީގުގައި ބަޔާން ކޮށްދޭން ޖެހުމަކީ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ އެ ބޭފުޅުންނަށް ދީފައިވާ ބާރުތައް އެއް ހަމައަކުން ބޭނުން ނުކުރާތަން. ވަކި ބަޔަކަށް ވީމާ ރަތް ރިބަނެއް ދަމާލެވޭ. އެ ބޭފުޅުންނަށް ބާރެއް ދީފި ނަމަ އިންސާފުން އަމަލުކުރާނެ ކަމުގެ އިތުބާރެއް އަޅުގަނޑުމެންނަކަށް ނެތް،" ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް އިޝާރާތް ކުރައްވައި މުއްތޮލިބު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ މެންބަރު މުއްތޮލިބު ވިދާޅުވީ ފުލުހުންނަށް މިހާރު ދީފައިވާ ބާރުތައް ހަނިކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށް އަދި ބާރުގެ ބޭނުން ކުރުމަށް ފުލުހުންނަށް ލިއްބައިދޭ ބައެއް މާއްދާތައް ހަނިކުރުމަށް ފުލުހުންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތުން ފުލުހުންގެ ތެރެއިން ދުވާލަކު އެއްފަހަރު ގަވާއިދަށް ބަދަލުގެނެސް މިގޮތަށް ކަންތައްތައް ކޮށްފާނެ. އެހެންވެ ކަރުނަ ގޭހާއި އަދިވެސް ބައެއް ބާރުތައް ބޭނުންކުރެވޭނެ މިންވަރާއި ހާލަތު ބަޔާންކޮށް އެކަންތައްތައް ހަނިކުރުމަށް މަޖިލިސް ހުޅުވުނީމާ ވަގުތު އޮތް ވަރަކުން އަޅުގަނޑު އިސްލާހު ހުށަހަޅާނަން،" މުއްތޮލިބު ވިދާޅުވި އެވެ.
ސަން ސެޓް ގާނޫނު ފާސްކުރުމަށް އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްނުވުމުން ފުލުހުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިހާރު ހިނގާ ކުށްތައް މަދުކުރުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ލިބެން ޖެހޭ ކަމަށް ފުލުހުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެއާ ހިލާފަށް މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވިދާޅުވަނީ ފުލުހުންނަށް ގާނޫނު އަސާސީން ބޭރުން ބާރުތަކެއް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.