15 Apr 2016, 16:09
މާތްވެގެންވާ އިސްލާމްދީން އަންގަވަނީ ދިރިއުޅުމުގެ ތެރޭގައި މަސްއަލަތަކާ ކުރިމަތި ވިޔަސް، މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ރުޅިނުވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މާތްﷲ އިންސާނުންނަށް ދެއްވި އެންމެ ބޮޑެތި ނިއުމަތްތަކުގެ ތެރޭގައި ބަސްމޮށުންތެރިކަން ހިމެނޭ ކަމަށާއި އެ ނިއުމަތުގެ ބޭނުން ރަނގަޅު ގޮތުގައި ކުރުމަކީ އިންސާނުންގެ މައްޗަށް ވާޖިބުވެގެންދާ ކަމެއްކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.
ޚުތުބާގައި ބުނެފައިވަނީ، އިސްލާމީ ޖަމާއަތުގެ ތެރޭގައި ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އެއްބާރުލުން ފެތުރިގެންދިޔައީ އެމީހުންގެ ހިތުގައި އެމީހުންގެ އަހުންނަށާއި އުޚުތުންނަށް އެއްވެސް ހިތް ނުބައިކަމެއް ނެތުމުން ކަމަށެވެ. އަދި އެމީހުންނަކީ އެމީހުންގެ ދުއާތަކާއި އުޅުންތަކުގައި މުސްލިމު އަހުންގެ މަތިން ހެޔޮ ގޮތުގައި ހަނދުމަކުރި ބައެއް ކަމުގައިވީތީ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންކަމުން، ނުބައިކަން ހިތައް ވަދެއްޖެނަމަ އޯގާތެރިކަން އެހިތުން ބޭރަށް ނުކުމެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން މާތް ﷲ އަމުރުކުރެއްވި ކަންތައްތަކަށް ފުރަގަސްދީ ބިމުގައި ފަސާދަ އުފައްދާ މީހަކަށް އެ ހިތުގެ ވެރިޔާ ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ދިރިއުޅުމުގެ ތެރޭގައި މަސްއަލަތަކާ ކުރިމަތި ވިޔަސް އިސްލާމްދީން އަންގަވަނީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ރުޅިނުވުމަށެވެ. މޫނުކެނޑިގެން ހިނގައިދާނެފަދަ އަމަލެއް ނުކުރުމަށެވެ،"
ދެމީހެއްގެ ދެމެދުގައި އަރާރުމެއް ހިނގާއިރު އޭގެ ހައްގުން އެއްކިބާވެފައިވާ މީހާ އައިސް މައާފަށް އެދިއްޖެނަމަ ހައްގުގައިވާމީހާ އޭނާއަށް މައާފްކޮށް އޭނާގެ އުޒުރު ގަބޫލުކުރުމަކީ ރަނގަޅު ގޮތް ކަމަށާއި އެފަދައިން އަމަލު ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.
ހަމައެހެންމެ ދޭދޭ މީހުންގެ މެދުގައި ހިނގާ އެކިއެކި ހިތްހަމަނުޖެހުންތަކުގެ އެކަކު އަނެކަކަށް ހިތްހަމަނުޖެހި ވާހަކަނުދައްކާ ތިބުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި ލަސްނުކޮސް އެއްބަޔަކު އަނެއް ބަޔަކަށް މައާފްކުރުމަށް އިސްލާމްދީން ތަރުތީބުދޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.