15 Apr 2016, 15:57
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަށް ވަނަ މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓްގެ 12 އަހަރުން ދަށުގެ ފިރިހެން އަދި 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.
ޓީޓީ ހޯލުގައި ކުރިއަށްދާ އެ މުބާރާތުގެ ޓީމު އިވެންޓުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ހޯދީ، ލާލޭ އިންޓަނޭޝަނަލް ސްކޫލްއާ ވާދަކޮށް 3-2 އިން މޮޅުވެގެންނެވެ.
ޓީމު އިވެންޓުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ހޯދީ، ފައިނަލުގައި އަމީނިއްޔާ ސްކޫލު އަތުން 3-1 އިން މޮޅުވެގެންނެވެ. މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އިސްކަންދަރު ބަލިކޮށް، އަމީނިއްޔާ ސްކޫލު ވަނީ ހޯދައިފަ އެވެ. އެ މެޗުން އަމީނިއްޔާ މޮޅުވީ 3-2 އިންނެވެ.
އެ މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތަކުގެ ތެރެއިން 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން، ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ދިޔާމް ސިފާހު ސައީދުއާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ޒާރާ ހަސަން ލަތީފް އެވެ. ފައިނަލް މެޗުން ޒާރާ މޮޅުވީ 3-2 އިންނެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި އަހްމަދު ޔާމީން ގާސިމް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ އައިހަމް ރަޝީދު އެވެ. އެ މެޗުން އައިހަމް މޮޅުވީ 3-1 އިންނެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި މުހައްމަދު ފަރީޒް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލުގެ މުހައްމަދު ޝައްފާން އިސްމާއިލް އެވެ. އެ މެޗުން ޝައްފާން މޮޅުވީ 4-2 އިންނެވެ.
އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކަކީ އަމީނިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ދަރުމަވަންތަ ސްކޫލް، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ރެހެންދި ސްކޫލެވެ.
އެ މުބާރާތުގައި ހަތަރު އުމުރުފުރާއެއްގެ ކުޅުން ކުރިއަށްދާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެ އެވެ. އެއީ އަންހެން އަދި ފިރިހެން ބައިގެ 12 އަހަރުން ދަށާއި، އަންހެން އަދި ފިރިހެން ބައިގެ 14 އަހަރުން ދަށާއި، އަންހެން އަދި ފިރިހެން ބައިގެ 16 އަހަރުން ދަށާއި، އަންހެން އަދި ފިރިހެން ބައިގެ 16 އަހަރުން މަތީގެ އުމުރުފުރާ އެވެ.
މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް މެޗުތަކެއް މިއަދު ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ.