ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ނުކުންނަން ޖެހުނު އިރު، ޖަރުމަންގެ ބަޔާން މިއުނިކްއާ ދެކޮޅަށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ނުކުންނަން ޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ގުރުނެގުމުގެ ރަސްމިއްޔާތު ސްވިޒަލެންޑްގެ ނިޔޯންގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސެމީގެ ފުރަތަމަ ފުރަތަމަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހު އެވެ. ސެމީގެ ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިނެއް އަދި ހަތަރު ވަނަ ދުވަހު އެވެ.

ސެމީއަށް އެތުލެޓިކޯ މެޑްރިޑް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަޓުވާލުމަށްފަހު އެވެ. ރެއާލް މެޑްރިޑުން ޖަރުމަންގެ ވުލްފްސްބާގު ކަޓުވާލުމަށްފަހު ސެމީން ޖާގަ ހޯދިއިރު، މެންޗެސްޓާ ސިޓީން ސެމީގެ ޖާގައެއް ހޯދީ ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމް (ޕީއެސްޖީ) ކަޓުވާލުމަށްފަހު އެވެ. އަދި ސެމީން ބަޔާން ޖާގަ ހޯދީ ޕޯޗުގަލްގެ ބެންފީކާ ކަޓުވާލުމަށްފަހު އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އިޓަލީގެ ސެން ސީރޯ ސްޓޭޑިއަމްގައެވެ.