15 Apr 2016, 15:14
ބެއިޖިންގް (އެޕްރީލް 15) : އެމެރިކާގެ އިންސާނީ ހައްގުތަކުގެ ހާލަތު ދުވަހެއް ދުވަހަކަށްދަނީ ދަށަށްކަމަށާ އެމެރިކާގެ އާންމު ރައްޔިތުން އުޅެންޖެހިފައިވަނީ އިންސާނީ ހައްގުތަކުން އެއްކިބާވެފައިވާ ބިރުވެރި ހާލަތެއްގައި ކަމަށްބުނެ ޗައިނާއިން އެމެރިކާގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެމެރިކާގެ އިންސާނީ ހައްގުތަކާބެހޭ ހާލަތު ދިރާސާ ކުރުމަށްފަހު ޗައިނާއިން ނެރޭ އަހަރީ ރިޕޯޓްގައި އެމެރިކާއިން އެގައުމުގެ އެކިނަސްލުތަކުގެ މީހުންގެ މެދުގައި ތަފާތުކޮށް އެމީހުންގެ މަދަނީ ހައްގުތަކަށް އަރައިގަތުމާއި ނަސްލީ އިމްތިޔާޒު ގެންގުޅޭ މައްސަލައާއި އެމެރިކާގެ އާންމުންގެ މެދުގައި ހަތިޔާރު ފެތުރިފައިވާ މިންވަރުގެ ބޮޑުކަމުން އާންމުންގެ ފުރާނައަށް ނުރައްކާވެފައިވާ މައްސަލަފަދަ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އެތަށް މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.
މިދެމައްސަލަ ހައްލުކުރުމަށް އެމެރިކާ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށާ އަދި ނަސްލީ އިމްތިޔާޒާއި ދޮންމީހުންނާއި ކަޅު މީހުން ތަފާތު ކުރުމުގައި އެމެރިކާ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައްވެސް ބައިވެރިވާކަމަށް ޗައިނާގެ ރިޕޯޓްގައި އެމެރިކާގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ. އަދި ދުނިޔޭގެ ފަގީރު ގައުމުތަކުގައި ފަގީރުންގެ ނިސްބަތް ދަށްވަމުންދާއިރު އެމެރިކާގައި ފަގީރުންގެ ނިސްބަތް މަތިވަމުންދާ މައްސަލަވެސް ޗައިނާއިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ދުނިޔޭގެ ބައެއް ގައުމުތަކަށް އެމެރިކާ ހަމަލާދީ ކުށެއްނެތް އާންމުން މަރަމުން ގެންދާމައްސަލަވެސް ޗައިނާއިން ފާހަގަކޮށްފައިވެއެވެ. ޚާއްސަކޮށް އިރާގާއި ސޫރިޔާއާއި ޕާކިސްތާނާއި އަފްޣާނިސްތާނުގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށް އެމެރިކާގެ ޑްރޯން މަތިންދާބޯޓުތަކުން ޙަމަލާދީ ކުޑަކުދިންނާއި ބަލިމީހުންނާއި ނުކުޅެދޭމީހުން މަރަމުން ގެންދިޔުމުގައި އެމެރިކާގެ އެއްވެސް ރަހުމެއްނެތްކަމާ އަދި ގުއަންޓެނާމޯ ޖަލުގައި އެއްވެސް ޝަރީއަތަކާނުލައި އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށްގެން އެމެރިކާ އުޅޭތާ ބާރަވަރަކަށް އަހަރުވެފައިވާ މައްސަލަވެސް ޗައިނާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިއީ އެމެރިކާގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ ކޯޓަށް ޙާޒިރު ކުރަންޖެހޭވަރުގެ ލާއިންސާނީ ޖަރީމާތަކެއްކަމަށް ޗައިނާގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންވެސް ފާހަގަކުރާ މައްސަލައެކެވެ. ޗައިނާގެ ރިޕޯޓްގައި އެމެރިކާގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސިފައިން ބާރުގެ ބޭނުންކޮށް މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ހާލަތްތައް ފާހަގަކޮށްފައިވާއިރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެގައުމުގެ އަމިއްލަ ރައްޔިތުންނަށް ޖާސޫސުކޮށް އެމެރިކާގެ ރައްޔިތުންގެ ޕްރައިވެސީ ނަގާލުމަށް ކުރަމުންގެންދާ އިންސާނީ ހައްގުތަކާ ޚިލާފު މަސައްކަތްތަކަށްވެސް ޗައިނާގެ ރިޕޯޓްގައި ކުށްވެރިކޮށްފައިވެއެވެ.
ޗައިނާއިން އެމެރިކާގެ އިންސާނީ ހައްގުތަކާބެހޭ މިރިޕޯޓް ނެރުނުއިރު އެމެރިކާވެސްވަނީ ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަކަމަށް ތުހުމަތުކޮށް ރިޕޯޓެއް ނެރެފައެވެ. އެމެރިކާގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ޑިމޮކްރަސީގެ ނަމުގައި ހިންގާ އަމަލުތަކަށް ޗައިނާގައި ފުރްސަތު ނެތުމުގެ މައްސަލައާއި ޗައިނާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް އެމެރިކާ ދެކޭ މައްސަލައެވެ.
އިންސާނީ ހައްގުތަކުގެ މައްސަލައަކީ ކޮންމެ ގައުމަކުންވެސް އަނެއްގައުމާ ދެކޮޅަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނަގާ ސިޔާސީ މައްސަލައެކެވެ. މިއީ ޕްރޮފެޝަނަލް ގޮތެއްގައި ހިނގާކަމެއްނޫނެެވެ. އެހެންކަމުން އިންސާނީ ހައްގުތަކުގެ މައްސަލައަކީ ޗައިނާއާއި އެމެރިކާވެސް އަބަދު ސިޔާސީ ޒުވާބުތައް ކުރަމުން ގެންދާ މައްސަލައެކެވެ. އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކުރާ އެއްވެސް ގައުމެއް ދުނިޔޭގައި ނެތްއިރު އެއްވެސް ގައުމަކީ އެގައުމުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބާއްވާފާ އަނެއް ގައުމުގެ އިންސާނީ ހައްގުތަކަށް ފާޑުކިޔޭފަދަ ހާލަތެއްގައިވާ ގައުމެއްނޫނެވެ.
އެމެރިކާއިން ޑިމޮކްރަސީގެ ނަމުގައި ބައެއް ގައުމުތަކަށް ފާޑުކިޔާއިރު އެމެރިކާ ގެންދަނީ ގައުމުތަކަށް އިސްވެ ހަމަލާދީ ކުށެއްނެތްމީހުންގެ ބޮލަށް ބޮންއަޅައި ޑަޒަން ޑަޒަނަށް މީހުންމަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ. މީގެއިތުރުން އެމެރިކާއަކީ އިސްރާއީލުން ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތުމަށް އެންމެ ބޮޑަށް އެހީތެރިވާގައުމުވެސް މެއެވެ. (ނޫސްއެޖެންސީތައް)