15 Apr 2016, 15:25
ބޮޑު ތަރުހީބަކާ އެކު، މިއަހަރުގެ ކޮކާކޯލާ 'ޓީއެފްޖީ ލޯންގް ރަން' ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.
ހުޅުމާލޭގައި ރޭ މެންދަމު 3:20 ގައި ފެށި ލޯންގް ރަން ގައި 500 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ ދުވުންތެރިންވެސް ހިމެނެ އެވެ.
ގާތްގަނޑަކަށް ފަސް ވަރަކަށް ގަޑިއިރަށް ދެމިގެން ދިޔަ ރަންގައި، ހަތަރު ކެޓަގަރީއެއްގައި ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ވަށައި އަށް ބުރު ހިމެނޭ މެރަތަން ކެޓަގަރީ އާއި ހުޅުމާލެ ވަށައި ހަތަރު ބުރު ޖަހާ ހާފް މެރަތަން ކެޓަގަރީގެ އިތުރުން ހުޅުމާލެ ވަށައި ދެ ބުރު ޖަހައި 10 ކިލޯމީޓަރު ދުވުން އަދި ހުޅުމާލެ ވަށައި އެއް ބުރު ޖަހަން ޖެހޭ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.
ފުލް މެރެތަން ރޭހުގައި 18 ދުވުންތެރިން ދުވެފައިވާ އިރު، ހާފް މެރެތަން ރޭހުގައި 67 ދުވުންތެރިއަކު ވަނީ ދުވެފަ އެވެ. އަދި 10 ކިލޯމީޓަރު ދުވުމުގައި 147 ދުވުންތެރިން ވާދަކުރި އިރު، ފަސް ކިލޯ މީޓަރުގެ ރޭހުގައި 268 ދުވުންތެރިން ވަނީ ދުވެފަ އެވެ.
ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަން ނިންމި ކޮންމެ ދުވުންތެރިއަކަށް މެޑަލް ދީފައިވާއިރު، ދުވުންތެރިންގެ ޓައިމިން ބަލާފައި ވަނީ ބައިނަލްއަގްވާމީ ކުންފުންޏެއް ކަމަށްވާ މައިލެޕްސް ސްޕޯޓްސް އިން ތައާރަފުކޮށްފައިވާ ޓެގެއް މެދުވެރިކޮށެވެ.
މިއަދު ހުޅުމާލޭގައި ކުރިއަށް ދިޔަ ރަން އަކީ ޓީއެފްޖީން މި ދުވުން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ. ކޮންމެ އަހަރެއްގެ ދުވުމަށްވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.